ތައިލޭންޑްގެ މިނިސްޓަރ ސްޕަމަރސް އިސަރަބަކްޑީ
ތައިލޭންޑްގެ މިނިސްޓަރ ސްޕަމަރސް އިސަރަބަކްޑީ
ތައިލެންޑުގެ ދެކުނުގެ ޕްރޮވިންސްތައް ކަމަށްވާ ޕައްޓާނީ، ޔަލާ އަދި ނަރަތިވަތަށް ނިސްބަތްވާ 150 އެއްހައި މުސްލިމުންނަށް އޮޅުވާލައިގެން، ފޭކު އުމްރާ ޕެކޭޖުތަކެއް ވިއްކި މައްސަލައެއްގައި އެގައުމުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި އޮޅުވާލުމުގެ ސަބަބުން ޖުމްލަ 3.7 މިލިއަން ބާތުގެ މާލީ ގެއްލުން ވެފައިވާ ކަމަށް އަންދާޒާކުރެވެއެވެ.

މިނިސްޓަރު ސުޕަމަސް އިސަރަބަކްދީ ވަނީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކުގެ ޝަކުވާތައް ބަލައިގަނެ، އެ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އަދި މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސެކްރެޓަރީ ޕަޗަރިން ސަމްސިރިޕޮންގަށް އަންގަވާފައެވެ.

ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، ކޮންމެ މީހަކުވެސް ވަނީ 45,000 ބާތަށް އިޝްތިހާރުކޮށްފައިވާ އުމްރާ ޕެކޭޖަކަށް ފުރަތަމަ ދައްކަންޖެހޭ 25,000 ބާތު ދައްކާފައެވެ. ދަތުރު އިންތިޒާމު ކުރި ފަރާތުން ބުނެފައިވަނީ ބާކީ ބައި އެ ފަރާތުގެ އަމިއްލަ ފަންޑަކުން ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް، ވައުދުވި ގޮތަށް އެއްވެސް ދަތުރެއް ކުރެވިފައެއް ނުވެއެވެ.

ތައިލެންޑުގެ ޓޫރިޒަމް ޑިޕާޓްމަންޓުން ކުރި ތަހުގީގުން އެނގުނު ގޮތުގައި، މި ސްކީމް ހިންގި ޖަމާއަތަކީ ޓޫރިޒަމް ވިޔަފާރި ހިންގުމުގެ އެއްވެސް ގާނޫނީ ހުއްދައެއް އޮތް ފަރާތެއް ނޫނެވެ. މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބައެއް މީހުން މިހާރު ވަނީ ސުވަރްނަބޫމީ އެއާޕޯޓުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮންސިއުމަރ ޕްރޮޓެކްޝަން ބޯޑުން މިހާރު ދަނީ ކަސްޓަމަރުންގެ ހައްގުތަކާ ބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަންކަން ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ހޯދައިދިނުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މުދާ ދެނެގަނެ، ބަދަލު ދިނުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، ފުލުހުންނާއި ޓޫރިޒަމް ޑިޕާޓްމަންޓް ގުޅިގެން ލިޔެކިޔުންތަކާއި ފައިސާ ދެއްކި ރަސީދުތައް އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އުމްރާގެ އަޅުކަމަށް ދާން ގަސްތުކުރާ ފަރާތްތަކުން، ފައިސާ ދެއްކުމުގެ ކުރިން އެއީ ޓޫރިޒަމް ޑިޕާޓްމަންޓުގައި ރަޖިސްޓްރީވެފައިވާ އިތުބާރު ހުރި ކުންފުންޏެއްތޯ ޔަގީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާދަޔާ ޚިލާފަށް އަގުހެޔޮ ޕެކޭޖުތަކަށް ސަމާލުވުމަށާއި، ހުރިހާ ލިޔެކިޔުންތަކެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު