އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދެމުން އައި ސަލާމަތާއި ރައްކާތެރިކަން ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ސިޔާސީ މަޝްރަހުގެ ނާމާންކަން އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ސައުތު އޭޝިއާ، އޭޝިއާގެ އެހެން ގައުމުތައް އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި އާންމުކޮށް ހިނގަމުންދާ ކަންކަމެވެ. މިފަދަ ހަމަލާތަކަކީ ހަމައެކަނި ވަކި ސިޔާސީ ފަރާތަކަށް އަމާޒުވާ ހަމަލާތަކެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސިޔާސީ އެއްވުންތަކަށް ދެވޭ ހަމަލާތަކުގައި ކުށެއްނެތް އާންމު ރައްޔިތުންގެ ފުރާނަވެސް ގެއްލެމުންދާ ކަމަށެވެ. ބައެއް ހާލަތްތަކުގައި އެއްފަހަރާ 30 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމުގެ މިސާލުތައް އެމަނިކުފާނު ދެއްކެވިއެވެ.

އެއްވުންތަކުގެ ތެރެއިން ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާނެކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ފޯރުކޮށްދޭ ސަލާމަތީ ފިޔަވަޅުތަކަކީ ހަމައެކަނި ވަކި ފަރުދަކަށް ދެވޭ ހިދުމަތެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ ހަމަޖެހުމާއި އަމާންކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ މިފަދަ ކަންކަމާމެދު ޕާޓީގެ ފެންވަރުގައި އިތުރަށް މަޝްވަރާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު