މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކާ ނުލައި، އުސޫލުތަކާ ހިލާފަށް ބިނާކޮށްފައިވާ ގުދަންތައް ހުސްކޮށް އެ ބިން ދައުލަތަށް ނެގުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ "ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ބިމަކާ ގުޅުންހުރި މައްސަލައެކެވެ. ސްޓޭޑިއަމް ސަރަހައްދުން 2,700 އަކަފޫޓުގެ ބިމެއްގައި ޑެކް އަޅައިގެން ދެބުރިއަށް އިމާރާތް ކޮށްފައިވަނީ، ޖެނުއަރީ 2023 އިން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މުުއާމަލާތް ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ސަރަހައްދުގައި ހުރި ކުނިތަކެއް އުކާލުމުގެ ބަދަލެއްގެ ގޮތުން، 1.8 މިލިއަން ރުފިޔާގެ އަގަށްވާ މިންވަރަށް، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް އެ ބިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެފްއޭއެމް އިން ބުނެފައިވަނީ ކުނި އުކުމާ ގުޅޭގޮތުން އެ ކުންފުންޏާއެކު އެއްވެސް ރަސްމީ އެއްބަސްވުމެއް ހެދިފައި ނުވާ ކަމަށެވެ.

އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އިމާރާތް ބިނާކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ މާލޭ ސިޓީ ކައުންސިލް ފަދަ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމަކާ ނުލައެވެ. މިކަން މިނިސްޓްރީއާއި ސިޓީ ކައުންސިލުން އެފްއޭއެމްއަށް ލިޔުމުން އަންގާފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ބިމަކީ ކުރިމަގުގައި ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ސަރަހައްދަކަށް ވާތީ، އެ ބިން ހުސްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ގާނޫނީ ފިޔަވަޅުތައް އެޅުމަށް އެފްއޭއެމްގެ އެކްސްކޯގެ 14 ވަނަ ބައްދަލުވުމުން މިހާރު ވަނީ ރަސްމީކޮށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު