މޭޔަރު މުޙައްމަދު އާތިފް
މޭޔަރު މުޙައްމަދު އާތިފް
ކުޅުދުއްފުށި ސިޓީގައި އެޅުމަށް ވައުދުވެފައިވާ 3400 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވައިފިނަމަ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، ކައުންސިލްގެ މި ދައުރުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެން ދިޔައިރު، ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތުގައިވެސް މިހާތަނަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން އާތިފް ވިދާޅުވީ، ރައީސް މުއިއްޒުގެ 2000 ހައުސިންގ ޔުނިޓުގެ ވައުދުގެ އިތުރުން، ކުރީގެ ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ 1500 ހައުސިންގ ޔުނިޓުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

މި މަޝްރޫއުތަކަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ދައުރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތްތައް ފުރިހަމަކޮށްދެއްވައިފިނަމަ، އެކަމުގެ ސަބަބުން ރައީސަށް ތާއީދުކޮށް ވޯޓު ދެއްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު