މަރްޔަމް ނަހްދާ ވަޙީދު   4 ޖުލައި 2026 - 8:57
އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި އެކި ބާވަތްތަކުގެ ވިޓަމިނާއި މިނަރަލްސްއަކީ ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ. އާންމުކޮށް ބަރުދަން އިތުރުވަނީ ކެވޭ މިންވަރު ގިނަވުމުން ނުވަތަ ކަސްރަތު މަދުވުމުން ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކެއް މަދުވުމަކީވެސް ބަރުދަން އިތުރުވުމަށް މެދުވެރިވާ ސަބަބެކެވެ.

ވިޓަމިން ޑީ އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާނާ ހަކަތައަށް ބަދަލުކުރުމުގެ ނިޒާމު ހަމަހަމަކޮށްދޭ މުހިންމު މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިން ޑީ މަދުވުމަކީ ބަނޑުގެ ސަރުބީ އިތުރުވުމާ ގުޅުންހުރި ކަމެކެވެ. މި ވިޓަމިން މަދުވުމުން ހަށިގަނޑުގައި ސަރުބީ ރައްކާކުރާ ސެލްތައް އުފެދުން އަވަސްވެ، ބަރުދަން ލުއިކުރުމަށް ހުރަސްތަކާ ކުރިމަތިވެއެވެ.

ދެވަނަ ކަމަކަށް ބަލާއިރު، ވިޓަމިން ބީ12 އަކީ ހަކަތަ އުފެއްދުމަށާއި މެޓަބޮލިޒަމް ދުވެލި ހަލުވިކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ވިޓަމިން ހަށިގަނޑުގައި މަދުވުމުން އަބަދު ވަރުބަލިކަން އިހުސާސްވުމާއި، ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވުން މެދުވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކެވޭ ކާނާ އަންދާލުމުގެ ބަދަލުގައި ހަށިގަނޑުގައި ސަރުބީގެ ގޮތުގައި ރައްކާކުރެވޭ މިންވަރު އިތުރުވެގެންދެއެވެ.

މެގްނީޒިއަމް އަކީ ވިޓަމިނެއް ނޫން ނަމަވެސް، މިއީ ހަށިގަނޑުގެ 300 އަށްވުރެ ގިނަ ކެމިކަލް ރިއެކްޝަންތަކުގައި ބައިވެރިވާ މުހިންމު މިނަރަލްއެކެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށާއި އިންސިއުލިންގެ މަސައްކަތަށް މެގްނީޒިއަމް އެހީތެރިވެދެއެވެ. ހަށިގަނޑުގައި މެގްނީޒިއަމް މަދުވުމުން އިންސިއުލިން ރެސިސްޓެންސް އުފެދި، ފަސޭހައިން ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.

ހަމައެއާއެކު، އަޔަން ނުވަތަ ދަގަނޑުގެ ބައި މަދުވުމަކީވެސް ބަރުދަނަށް އަސަރުކުރާ ކަމެކެވެ. ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އަޔަން ބޭނުންވާއިރު، މިއީ ސަރުބީ ވިރުވުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. އަޔަން މަދުވުމުން ހަށިގަނޑުގެ ހަކަތަ ދަށްވެ، ކަސްރަތު ކުރުމަށް އުނދަގޫވެ، ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

ވިޓަމިން ސީ އަކީވެސް ހަށިގަނޑުގެ ފެޓް އޮކްސިޑޭޝަން ނުވަތަ ސަރުބީ އަންދާލުމުގެ މަސައްކަތަށް އެހީތެރިވެދޭ މާއްދާއެކެވެ. ވިޓަމިން ސީ ހުންނަންޖެހޭ މިންވަރަށް ހަށިގަނޑުގައި ހުންނަ މީހުންނަށް، ކަސްރަތު ކުރާއިރު ސަރުބީ ވިރުވައިދޭ މިންވަރު 30 އިންސައްތަ އިތުރުވާކަން ހޯދުންތަކުން ދައްކައެވެ. އެހެންކަމުން، މި މާއްދާ މަދުވުމަކީ ބަރުދަން އިތުރުވުމަށް ދިމާވާ ނުސީދާ ސަބަބެކެވެ.

ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށްޓަކައި ހަމައެކަނި ކެލޮރީއަށް ބެލުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް ހަމައަށް ލިބޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަރުދަން ލުއިނުވެގެން އުޅޭނަމަ، ލޭގެ ޓެސްޓެއް ހަދައި މިފަދަ މާއްދާއެއް މަދުތޯ ބަލައި، ސިއްހީ މާހިރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމަކީ ބަރުދަން ކޮންޓްރޯލް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު