ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "ބީއެމްއެލް ސްޕްލިޓްޕޭ" ގެ ނަމުގައި އައު ޚިދުމަތެއް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެެމްއެލް އިން ބުނީ، މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކާއި އިހުތިޔާރުތައް ލިބިގެންދާނެ ޒަމާނީ ޚިދުމަތެއް ކަމަށެވެ. މި ޚިދުމަތުގެ ދަށުން 1،500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ ސަބަބުން އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ޚިދުމަތްދޭ ވިޔަފާރިތަކުން މި ފުރުސަތު ބޭނުންކުރެވޭނެއެވެ. ބޭންކުން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރެޑިޓް ކާޑަކުން ޕީއޯއެސް (POS) މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު، އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެއެވެ.

މި ޚިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، "ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެން މިވަނީ އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައި. މި ޚިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ،" ކަމަށެވެ.

މި އައު ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވުނު މުހިންމު ޚިދުމަތެކެވެ. ބީއެމްއެލް އިން އަންނަނީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭނެހެން މާލީ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދައިދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު