މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު
ސިއްޙަތާބެހޭ ވަޒީރު ކަމަށް އަހްމަދު ނަސީމް، ކެރަފާ ނަސީމު އައްޔަނު ކުރީ އަމިއްލަ ޕާޓީ ތެރޭގައި ހަންފެތުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށާއި، މިއީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ލީޑަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައި މީގެ ކުރިން ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރަށްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ސަޢީދު ވިދާޅުވީ، މިއީ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޞާލިޙްގެ ބާރު ޕާޓީތެރޭ ކަނޑައެޅުމަށް ހިންގާ ވާދަވެރިކަމުގެ ތެރެއިން ހިނގާދިޔަ ކަމެއް ކަމަށެވެ.

"މިއީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް. ޒުވާނުންނާއި ތަޢުލީމީ ދިވެހި ދަރީން ބާކީކޮށް ޢާއިލާގެ މެމްބަރުން ބާރުވެރިކުރަނީ ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ "ބާރު" ޕާޓީ ތެރޭގައި ކަނޑަ އެޅުމަށް ހިންގާ ވާދަވެރިކަމުގެ ތެރެއިން." ސަޢީދު ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް އަޙްމަދު ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގެވި ކަމުގެ ތުހުމަތުގައި، ވަޒީފާއިން އެކަހެރިކޮށް ދިގު މުއްދަތެއްގައި ބެހެއްޓުމަށްފަހު، އޭނާގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުން ދަޢުވާކުރަން ނުފެންނަ ކަމަށްބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. އަދި އެކަމާގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވެސް ވަނީ ހުށައަޅާފައެވެ.

އަމީނަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ އަޙްމަދު ނަސީމް ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވީ އެމަގާމަށް ޖުމުހޫރީ ޕާޓީން ފަސް ނަމެއް ފޮނުވާފައިވަނިކޮށް ކަމަށް އެނގިފައި ވެއެވެ.

އަޙްމަދު ނަސީމް ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި މާޗް 21، 2011 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް ޚާރިޖީ ވަޒީރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭގެ ކުރިން ނަސީމް ވަނީ ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. 1966 ވަނަ އަހަރު ސަރުކާރާ ގުޅިވަޑައިގަތް ނަސީމަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ޓްރޭޑް މިނިސްޓްރީގައިވެސް ގިނަ ދުވަސް ތަކެއް ވަންދެން ކެރަފާ ނަސީމު ވަޒީފާ އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން