އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކުދިންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބުން ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާފައިވާ ރިޔާސީ އަމުރު، އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި މި ތާރީޚީ ހުކުމަކީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އޭނާގެ ސިޔާސަތުތަކަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

"ޓްރަމްޕް ވީ. ބާބަރާ" ގެ ނަމުން ނަންދެވިފައިވާ މި މައްސަލައިގައި ކޯޓުން ކަނޑައެޅީ، މައިންބަފައިންގެ ގާނޫނީ ހައިސިއްޔަތު އޮތްގޮތެއްގެ ސަބަބުން، އެމެރިކާގައި އުފަންވާ ކުއްޖެއްގެ ރައްޔިތުކަން އަތުނުލެވޭނެ ކަމަށެވެ. 150 އަށްވުރެ ގިނަ އަހަރުވީ މި އުސޫލު އުވާލުމަށް ރައީސް ޓްރަމްޕް މަސައްކަތް ކުރެއްވީ 2025 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ނެރުއްވި ރިޔާސީ އަމުރަކުންނެވެ.

މި މައްސަލައިގެ މައިގަނޑު ބަހުސަކީ އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގައިވާ "ސިޓިޒަންޝިޕް ކްލޯޒް" (ރައްޔިތަކަށް ވުމާބެހޭ މާއްދާ) މާނަކުރާނެ ގޮތެކެވެ. ކޯޓުގެ އަޣުލަބިއްޔަތު ރައުޔު ލިޔުއްވަމުން އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލި ބޭފުޅުން ދެއްވި ވައުދަކީ އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކޮންމެ ކުއްޖަކަށް ރައްޔިތުކަން ދިނުން ކަމަށާއި، ކޯޓުން މިއަދު އެ ވައުދު ދަމަހައްޓައިފި ކަމަށެވެ.

މި ނިންމުމަށް ތާއީދު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ކޯޓުގެ ތިން ލިބަރަލް ފަނޑިޔާރުންގެ އިތުރުން، ޓްރަމްޕް އައްޔަން ކުރެއްވި ކޮންޒަވޭޓިވް ފަނޑިޔާރު އެމީ ކޯނީ ބެރެޓް ވެސް ހިމެނިވަޑައިގަންނަވައެވެ.

ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާއަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި މި އުސޫލު ބަދަލުކުރުމަށްޓަކައި ކޮންގްރެސް މެދުވެރިކޮށް ގާނޫނެއް ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ގާނޫނީ މާހިރުން ބުނާގޮތުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މި ހައްގު ބަދަލުކުރެވޭނީ ހަމައެކަނި ގާނޫނުއަސާސީއަށް ފުރިހަމަ އިސްލާހެއް ގެނެސްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު