ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އަމުރަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލަތަކަށް ޚާއްސަ އިސްކަމެއް ދީގެން، އެ މައްސަލަތައް އަވަހަށް ނިންމަން ޖެހޭ ގޮތަށް 'އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު' އަށް މިއަދު އިސްލާހު ގެނެސްފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި މި އިސްލާހުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ދެ މަސް ދުވަސް ފަހުންނެވެ.

މި ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ގެނެސްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް 'ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން' ނަމުގައި އާ ބާބެއް އިތުރުކުރުމެވެ. މި އާ ބާބުގައި ޕީޖީން ވަކި މައްސަލައެއް ބަލަން އަންގައިފިނަމަ އަމަލުކުރާނެ އިޖުރާއަތުތައް ވަރަށް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ޕީޖީން ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު އަވަހަށް ނިންމަންވާނެއެވެ. އަދި އެއީ ކޮމިޝަނުގައި ކުރިން ރަޖިސްޓަރީކޮށްފައި ނުވާ މައްސަލައެއް ނަމަ، ޕީޖީގެ އެންގުމާ އެކު ވަގުތުން އެ މައްސަލައެއް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ގެޒެޓުގައި އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ، "އޭސީސީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކުށެއް ޕީޖީން ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ޚާއްސަ އިސްކަމެއް ދީގެން އެ މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމަންވާނެ،" ކަމަށެވެ.

މީގެ އިތުރުން، ޕީޖީގެ އެންގުމަކާ ގުޅިގެން އަމަލުކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ނަމަ، އެ އެންގުމެއް އަންގާތާ ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. އަދި އެ މުއްދަތުގައި ޖަވާބުދާރީ ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިތުރު ހަތް ދުވަހުގެ މުއްދަތަކަށް އެދި ލިޔުމުން ޕީޖީ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ މިނިވަން މުވައްސަސާއެއްގެ ގޮތުގައި އޭސީސީ އޮތް ނަމަވެސް، މައްސަލަތައް ބެލުން ލަސްވުމާއި ބޮޑެތި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބަލާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި އަބަދުވެސް އޮވެއެވެ. މި ގެނެވުނު ބަދަލާއެކު މިފަދަ މައްސަލަތައް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ގެނައި ބަދަލުތަކުގެ ދަށުން ހަދަންޖެހޭ ތަހުގީގުކުރުމުގެ އުސޫލުތައް، އިސްލާހުތަކަށް އަމަލުކުރުން ލާޒިމުވާ ތާރީޚުން ފެށިގެން އެއް މަސްދުވަސް ތެރޭގައި އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު