ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވައްކަމާއި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިފަދައިން ވިދާޅުވީ، ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ޝަރީޢަތުން ސަލާމަތްވެވަޑައިގަތް ކަމަށް ބުނެ ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވަނީ އެ ތުހުމަތުތައް ވަރަށް ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ޙުސައިން ވަޙީދު ހުވާކުރައްވަން ބޭނުންފުޅުވާ ނަމަ، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މީގެއިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ އިދާރާތަކުން ހިންގާ އެއްވެސް ތަޙުޤީޤަކަށް އެއްބާރުލުން ދެއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ވަނީ ދެއްވާފައެވެ.

މި މައްސަލައިގެ އަސްލަކީ ނޫމަޑި ރިސޯޓްސް ކުންފުންޏާ ދެކޮޅަށް ދައުލަތުން އެޅި ފިޔަވަޅުތަކާ ގުޅިގެން އުފެދުނު މައްސަލަތަކެވެ. އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ރައީސް މުޢިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ބުނެ ނިމިދިޔަ ސަރުކާރުން ދަޢުވާކުރި ނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ ދަޢުވާ ސާބިތުނުވާ ކަމަށް ޙުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު