ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ކުނި އުކާލާނެ ނިޒާމެއް ނެތް މައްސަލާގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެންބަރު ފޮނުއްވި ސުވާލުގެ ނޯޓިސްގައި އެދިވަޑައިގެންފައިވަނީ އެމްޑީޕީ ސަރުކާރުން ފަރުމާކޮށް އިމާރާތްކުރި 4،000 ހައުސިން ޔުނިޓުގައި ކުނި އުކާލުމަށް ހާއްސަ ގާބެޖް ޝޫޓް ހަރުނުކުރަން މި ސަރުކާރުން ނިންމި ސަބަބު ސާފުކޮށްދިނުމަށެވެ.

މެންބަރުގެ ސުވާލުގައި ފާހަގަކުރައްވާފައިވަނީ، މިހާރު ކުނި އުކާލަން ޖެހެނީ ލިފްޓު ބޭނުންކޮށްގެން ކަމަށްވާތީ، މިއީ ސިއްހީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، އާންމުން ދަތުރުކުރާ ލިފްޓުގައި ކުނި ކޮތަޅުތައް އުފުލުމަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ވަރަށް ބޮޑު އުނދަގުލެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުރީ ސަރުކާރުން މި ފްލެޓުތައް ފަރުމާކޮށްފައިވަނީ ގާބެޖް ޝޫޓް ހަރުކުރާ ގޮތަށެވެ. އަދި މި އިމާރާތްތަކުގެ ނަމޫނާ އެޕާޓުމެންޓުތައް ނޫސްވެރިންނަށް ދެއްކި އިރުވެސް، ކުނި އުކާލުމަށް ހާއްސަކޮށްފައިވާ ގޮޅިތައް ހުރީ ތައްޔާރުކޮށްފައެވެ. ނަމަވެސް، މި ސަރުކާރުން ފްލެޓުތައް ހަވާލުކުރިއިރު އެ ހިދުމަތް ނެތުމުން އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މި މައްސަލައިގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް، މި ބަދަލު ގެނައި ސަބަބާއި، ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ހޯދައިދޭނެ ގޮތެއް ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު