ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ މިއަދު ހަދިޔާކޮށްފިއެވެ.

ބޭންކުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި އެ ބޭންކުން ކުރިއަށްގެންދާ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 105 ރަށަށްވުރެ ގިނަ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޖުމްލަ 360 އަށްވުރެ ގިނަ ވީލްޗެއާ ފޯރުކޮށްދީފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

"މި ފަހަރުގެ ހަދިޔާގައި ބޭންކުން ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، އަމިއްލައަށް ދުއްވޭ 'މޮޓޮރައިޒްޑް' ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައެވެ. މި މެނުއަލް ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ." ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން މިނިވަންކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަކީ ބޭންކުގެ ބޮޑު އަމާޒެއް ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

މި އެހީއާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަކަމަށްވެސް ބޭންކުގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު