ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ބައްދަލު ކުރެއްވުން
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ބައްދަލު ކުރެއްވުން
ޓެކްސީތަކަށް ބޭނުންވާ ސްޕެޔަރ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 އިންސައްތައަށް ބޮޑުކުރުމަކީ ކަންބޮޑުވުމެއް ކަމަށް އިދިކޮޅު އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް)ގެ އިސްފަރާތްތަކާއި އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ބައްދަލު ކުރެއްވުމަށްފަހު އެޕާޓީގެ ސެކްރެޓޭރިއަޓުން މިއަދު ނެރެފައިވާ ރަސްމީ ބަޔާނެއްގައެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ދަނޑުވެރިންނާއި މަސްވެރިންނަށް ސަރުކާރުގެ ފަރާތުން ލިބޭ ބާވަތުގެ އެއްވެސް ލުޔެއް ނުވަތަ އެހީއެއް ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށެވެ.

ނަމަވެސް ޓެކްސީތަކަށް ބޭނުންވާ ސްޕެޔަރ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 އިންސައްތައަށް ބޮޑުކޮށްފައި ވާކަމަށް ޑޭމްގެ މަންދޫބުން ފާހަގަ ކުރަށްވާފައިވާ ކަމަށާއި، އެކަންބޮޑުވުމުގައި އެޕާޓީންވެސް ބައިވެރިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

"ޢާންމު ދަތުރުފަތުރުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރުމަށާއި، ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގައި ޢާންމުން ކުރިމަތިލާންޖެހޭ ދަތި އުނދަގޫތަކަށް ފަރުވާ ހޯދުމަށް ކަމާބެހޭ އެންމެހައި ފަރާތްތަށް މަޝްވަރާކޮށް، ޙައްލު ހޯދުން ކޮންމެހެން ބޭނުންތެރި ކަމުގައި މިޕާޓީއިން ދެކޭކަންވެސް މިފުރުޞަތުގައި ފާހަގަކުރަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.

ހަމައެއާއެކު އެމްޑީޕީން ވަނީ، އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުށް ގޮވާލާފައއެވެ. އަދި ސިޔާސަތު އެކުލެވުމާއި، ރެގިއުލޭޓަރެއްގެ ހައިޘިއްޔަތުން ޚިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލެވުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަވުމަށް އެމްޑީޕީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު