އެސްޓީއޯ ފާމަސީއެއް
އެސްޓީއޯ ފާމަސީއެއް
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ ބޭސްފިހާރަތައް ތިން ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯ އިން ހިންގާ ފާމަސީތައް ތިން ދުވަހަށް ބަންދު ކުރުމަށް ނިންމާފައިވަނީ، އެ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ފާމަސީތައް ބަންދު ކުރުމަށް ނިންމާފައިވަނީ، މި މަހުގެ 24 އާއި 25 އަދި 26 ވަނަ ދުވަހު އެވެ. އެދުވަހު ކުރިއަށް ދާނީ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރުން ކަމަށް އެސްޓީއޯއިން މަޢުލޫމާތުދީފައިވެއެވެ.

ނަމަވެސް އިމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ބޭސް ގުނުމުގެ މަސައްކަތް ނިމުމުން ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ

ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ގަނޑުކޮށް ގެނައުމުގެ މަގްސަދުގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ބޭހުގެ ބާޒާރާ ގުޅޭ ހުރިހާ މަސައްކަތްތަކެއް އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށްޓަކައި، އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ އައިޖީއެމްއެޗްގައި ހުޅުވާފައިވަނީ މިއަހަރުގެ މެއި 20 ގައެވެ.



ކިޔުންތެރިންގެ ހިޔާލު