ޖަނަވާރުތަކަކަށް ޖިންސީ ގޯނާކުރުން
ޖަނަވާރުތަކަކަށް ޖިންސީ ގޯނާކުރުން
ފްރާންސްގައި ޖަނަވާރުތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި އަފްޣާނިސްތާނުގެ 19 އަހަރުގެ ޒުވާނަކު ޖަލަށްލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ފްރާންސްގެ މާސޭ ސަރަޙައްދުގައި ހުންނަ ޖަނަވާރު ބަލަހައްޓާ މަރުކަޒެއްގައި ހިނގި މި ހާދިސާގައި، އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ޖަނަވާރުތަކަކަށް ގޯނާކުރަނިކޮށް ފުލުހުންނަށް ފެނިގެންނެވެ. އޭނާގެ މައްޗަށް ފަސް ބަކަރިއަކަށާއި ހަ މަހުގެ ކަންބަޅިއަކަށް ޖިންސީ އަނިޔާކުރިކަމުގެ ދަޢުވާ އުފުލާފައިވާއިރު، މި އަނިޔާތަކުގެ ސަބަބުން އެއް ޖަނަވާރު ވަނީ މަރުވެފައެވެ.

އެ މަރުކަޒުގެ ވެރިފަރާތުން މަޢުލޫމާތު ދިންގޮތުގައި، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖަނަވާރުތަކުގެ ގައިން އަނިޔާގެ ނިޝާންތައް ފެންނަން ފެށުމުން، ސީސީޓީވީ ކެމެރާ މެދުވެރިކޮށް ފާރަލަމުން ދަނިކޮށް، އޭނާ އަތުލައިގަނެވުނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޝަރީޢަތުގެ މަޖިލީހުގައި އެ ޒުވާނާ އޭނާގެ ދިފާޢުގައި ބުނެފައިވަނީ އޭނާއަކީ "އާދައިގެ މީހެއް" ކަމަށެވެ. އަދި އޭނާ ކުށަށް އިންކާރުކުރި ނަމަވެސް، ޑީއެންއޭ ތަޙުލީލުތަކާއި ފުލުހުންގެ ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި، މި މައްސަލައާ ގުޅިގެން ޑޮކްޓަރުންނާ ވާހަކަދައްކަމުން، "އެއީ ހަމައެކަނި ޖަނަވާރުން ކަމަށްވާއިރު، މިކަމާ މާބޮޑަށް އުޅެނީ ކީއްވެގެންތޯ" އޭނާ ސުވާލު އުފައްދާފައިވެއެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން، ކޯޓުން ވަނީ އޭނާގެ މައްޗަށް 30 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މީގެ އިތުރުން، އޭނާ ފްރާންސުން ފޮނުވާލުމަށާއި (ޑީޕޯޓްކުރުން)، ޖިންސީ ކުށްވެރިންގެ ދަފްތަރުގައި އޭނާގެ ނަން ހިމެނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު