ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްޠަފާ (ވ)
ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްޠަފާ (ވ)
ޕީއެންސީގެ ކޮންގްރެސް ކުއްލި ގޮތަކަށް ބާއްވަން ނިންމާފައިވަނީ އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ނުފޫޒުގަދަ ބޭފުޅުންގެ ދައުރު ކަނޑުވާލައި، ބާރުތައް މުށުތެރެއަށް ލުމަށް ކަމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސްއޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމު ފުރުއްވި އަޙްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި މުސްޠަފާ ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫން އެހެން ބޭފުޅަކަށް ހެދުމާ ބެހޭގޮތުން އެ ޕާޓީގެ އެތެރޭގައި މިހާރު ވަނީ ސިއްރު މަޝްވަރާތަކެއް ފެށިފައި ކަމަށެވެ. އަދި މިކަމުގެ ބިރު އޮތުމުން، ރައީސް މުޢިއްޒު ގެންދަވަނީ ޕީޕީއެމްގެ އިސްވެރިންނަށް ގުޅުއްވައި، މެސެޖުކުރައްވައި، އެކި ގޮތްގޮތުން ނުފޫޒު ފޯރުއްވަމުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ހަމައެއާއެކު މުސްޠަފާ ވިދާޅުވީ، ކުރިމަގުގައި ރައީސް މުޢިއްޒަށް ގޮންޖަހާފާނެ ފަދަ ވަރުގަދަ ޝަޚުޞިއްޔަތުތައް ކަމަށް ބެލެވޭ ޣައްސާން މައުމޫނާއި، މޫސާ ޒަމީރު އަދި އާދަމް ޝަރީފް ފަދަ ބޭފުޅުން މިހާރު ވަނީ އެކަހެރި ކުރަށްވާފައި ކަމަށެވެ. ޚާއްޞަކޮށް، މޫސާ ޒަމީރު ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތި ލަށްވައިގެން ކެމްޕޭން ކުރައްވަމުން ގެންދެވި ނަމަވެސް، ރައީސް މުޢިއްޒު އެ މަޤާމު ޒަމީރަށް ދެއްވަން ބޭނުންފުޅު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އެމަނިކުފާނުގެ އަމާޒަކީ ޝިޔާމް އަދި އަދުރޭ (ޢަބްދުއްރަޙީމް ޢަބްދުﷲ). އެ ބޭފުޅުންވެސް މަޑުމަޑުން ބާކީކޮށްލާނެ. މިހާ އަވަސްއަރުވާލައިގެން ކޮންގްރެސްއެއް ބާއްވަނީ ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުންނާއި ލީޑަރޝިޕްގެ ދައުރު ކަނޑުވާލުމަށް،" މުސްޠަފާ ވިދާޅުވިއެވެ.



މީގެ އިތުރުން މުސްޠަފާ ވިދާޅުވީ، ޕީޕީއެމްގެ ލީޑަރުންނަށް ބިރުދައްކައި، މަޤާމުތައް ބަދަލުކޮށް، ޕާޓީގެ ބާރުތައް ރައީސްގެ މުށުތެރެއަށް ލެއްވިދާނެ ކަމަށެވެ. ނަމަވެސް، 2028 އަށް ރައީސް މުޢިއްޒު ބަދަލުކުރުމަށް ޕާޓީގެ ތެރޭގައި ފެށިފައިވާ ހަރަކާތަކީ ބިރުދެއްކުމަކުން ނުވަތަ ނުފޫޒަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ސަރުކާރުން ނުވަތަ ޕީއެންސީގެ ފަރާތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީހު، ކުރިން ރާވާފައި އޮތް މުއްދަތަށްވުރެ އަވަސްކުރުމަށް އެ ޕާޓީން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު