ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
މި ލިޔުމުގައި މި ހިމަނާލަނީ 'ޛުއްނޫރައިން' ގެ ލަޤަބު ދެވިފައިވާ ތިންވަނަ ޚަލީފާ ޢުޘްމާން ބިން ޢައްފާން (ރ.ޢ.) ގެ ޙަޔާތްޕުޅުގެ މައްޗަށް ބަލާލާ ކުރު ޚުލާޞާއެކެވެ. މީގެ ބޭނުމަކީ އެކަލޭގެފާނުގެ ތަފާތު މިޘާލީ ޝަޚްޞިއްޔަތުން ފިލާވަޅުތަކާއި ޢިބުރަތްތައް ޙާޞިލުކުރުމެވެ.

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އުޘްމާން ބިން ޢައްފާން ބިން އަލްޢާޞް ބިން އުމައްޔާ ބިން ޢަބްދުއްޝަމްސް ބިން ޢަބްދު މަނާފް އެވެ. އުފަންވެވަޑައިގަތީ އާމުލް ފީލް (އެތް އަހަރު) ގެ ހަވަނަ އަހަރު މައްކާއަށެވެ. އެކަލޭގެފާނަކީ ރަސޫލާ (ޞ.ޢ.ވ.) އަށްވުރެ ގާތްގަނޑަކަށް ފަސް އަހަރު ހަގު ބޭފުޅެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައެވެ. މަންމާފުޅުގެ ނަމަކީ އަރުވާ ބިންތި ކުރައިޒް އެވެ. އެކަމަނާ އަވަހާރަވީ އުޘްމާން (ރ.ޢ.) ގެ ޚިލާފަތުގައެވެ. އުޘްމާން (ރ.ޢ.) އިސްލާމްދީން އިޚްތިޔާރު ކުރެއްވީ ދަޢުވަތުގެ ވަރަށް ކުރީކޮޅުގައެވެ. އަދި އިސްލާމްދީނުގައި ކުރެވުނު ދެ ހިޖުރައިގައިވެސް ބައިވެރިވެވަޑައިގަތެވެ. އެއީ ފުރަތަމަ ޙަބުޝްކަރައަށް ކުރެވުނު ހިޖުރައާއި، މަދީނާއަށް ކުރެވުނު ހިޖުރައެވެ.

އެކަލޭގެފާނު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ރަސޫލާ (ޞ.ޢ.ވ.) ގެ ދަރިކަނބަލުން ރުޤައްޔާގެފާނާއެވެ. އެކަމަނާ އަވަހާރަވީ ބަދުރު ހަނގުރާމައިގެ ރޭގައެވެ. އެއަށްފަހު ރަސޫލާ (ޞ.ޢ.ވ.) އެކަލޭގެފާނާ ކައިވެނިކޮށްދެއްވީ އެކަމަނާގެ އުޚުތު އުއްމު ކުލްޘޫމްގެފާނާއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަބީބޭކަލެއްގެ ދެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތް ހަމައެކަނި ބޭކަލަކީ އުޘްމާން (ރ.ޢ.) އެވެ. މި ސަބަބަށްޓަކައި އެކަލޭގެފާނަށް 'ޛުއްނޫރައިން' (ދެ ނޫރުގެ ވެރިޔާ) ގެ ނަމުން ނިސްބަތް ކުރެވެއެވެ. އެކަލޭގެފާނަކީ ސުވަރުގޭގެ އުފާވެރި ޚަބަރު ދެވުނު ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި ކީރިތި ޤުރުއާން ޖަމާކުރެއްވުމުގައި އިސްކޮށް އުޅުއްވި ޞަޙާބީއެކެވެ.

އުޘްމާން (ރ.ޢ.) ޖުމްލަ އަށް ކައިވެނި ކުރެއްވިއެވެ. އަދި ފަސް އަނބިކަނބަލުންނަށް ނުވަ ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެކަލޭގެފާނަކީ އިސްކޮޅުން މާ ކުރު އަދި މާ ދިގުވެސް ބޭފުޅެއް ނޫނެވެ. ކޮނޑުފުޅު ފުޅާވެފައި، އިސްތަށިފުޅުގެ އިސްތަށިގަނޑު ބޯ ބޭފުޅެކެވެ. ދިގު ތުނބުޅިފުޅެއް ހުރި، ރީތި ސޫރައެއްގެ ވެރި ބޭފުޅެކެވެ. ބުނެވޭ ގޮތުގައި އެކަލޭގެފާނަކީ އޭރުގެ މީހުންގެ ތެރެއިން އެންމެ ރީތި ބޭފުޅާއެވެ.

ޖާހިލިއްޔަ ޒަމާނުގައިވެސް އުޘްމާން (ރ.ޢ.) އަކީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން އެންމެ މާތް އެކަކެވެ. އެކަލޭގެފާނަކީ މަތީ ދަރަޖައިގެ، ނުހަނު މުއްސަނދި، އިންތިހާއަށް ލަދުވެތި، އަދި ވާހަކަދެއްކުންތެރިކަން ފަރިތަ ބޭފުޅެކެވެ. ޤައުމުގެ މީހުން އެކަލޭގެފާނަށް ނުހަނު ލޯތްބާއި އިޙްތިރާމް ކުރެއެވެ. އިސްލާމްދީނުގެ ކުރިންވެސް އެކަލޭގެފާނު ދުވަހަކުވެސް ބުދަކަށް ސަޖިދައެއް ނުކުރަށްވައެވެ. އަދި އެއްވެސް ފާޙިޝް ޢަމަލެއް ނުކުރަށްވައެވެ. ހަމައެހެންމެ، އިސްލާމްދީނުގެ ކުރިންވެސް އެކަލޭގެފާނު ރާފޮދު ހިއްޕަވައިފައެއް ނުވެއެވެ.

އެކަލޭގެފާނަކީ ނަސަބުތަކާއި، މިޘާލު ބަސްތަކާއި، ތާރީޚީ މުހިންމު ހާދިސާތަކަށް ފަރިތަ ބޭފުޅެކެވެ. ޝާމްކަރައަށާއި ޙަބުޝްކަރައަށް ދަތުރުފަތުރުކޮށް، ޢަރަބި ނޫން މީހުންނާ ގުޅުން ބަދަހި ކުރަށްވައި، އެހެން މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުންގެ ދިރިއުޅުމާއި އާދަކާދަތަކާ ބެހޭގޮތުން އުނގެނިވަޑައިގަތެވެ. ބައްޕާފުޅުގެ ފަރާތުން ވާރުތަވި ވިޔަފާރި ކުރިއަރުވައި، މުއްސަނދިކަން އިތުރުކުރެއްވިއެވެ. އެކަލޭގެފާނަކީ މުޅި ޤުރައިޝް ވަންހައިގެ އިޙްތިރާމް ލިބިގެންވީ ބަނޫ އުމައްޔާ ވަންހައިގެ އިސް ބޭފުޅެއްގެ ގޮތުގައި ބެލެވުނު ބޭފުޅެކެވެ.

އަބޫބަކުރުގެފާނު އެކަލޭގެފާނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވިއިރު، އުމުރުފުޅަކީ 34 އަހަރެވެ. އެއްވެސް ޖެހިލުމެއް ނެތި ވަގުތުން އެ ދަޢުވަތު ޤަބޫލުކުރެއްވިއެވެ. އަބޫބަކުރުގެފާނާއި، ޢަލީގެފާނާއި، ޒައިދު ބިން ޙާރިޘާގެފާނަށްފަހު އިސްލާމްވި ހަތަރުވަނަ ފިރިހެނަކީ އެކަލޭގެފާނެވެ.

އުޘްމާން (ރ.ޢ.) އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރުޤައްޔާގެފާނު، އެހެން ޞަޙާބީންނާއެކު ޙަބުޝްކަރައަށް ހިޖުރަކުރެއްވިއެވެ. އެތަނުން އެބޭކަލުންނަށް އަމާންކަމާއި އަޅުކަންކުރުމުގެ މިނިވަންކަން ލިބުނެވެ. އެކަލޭގެފާނަކީ ކުރިންވެސް އެކަރައިގައި ވިޔަފާރީގެ ގުޅުންތައް އޮތް ބޭފުޅަކަށްވާތީ، އެތަނުގައިވެސް ވިޔަފާރި ކުރިއަށް ގެންދެވިއެވެ. ކީރިތި ޤުރުއާނުގައި މި ހިޖުރައިގެ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ (ސޫރަތުއް ނަޙްލު: 41).

މައްކާގެ މީހުން އިސްލާމްވިކަމުގެ ދޮގު ޚަބަރެއް ލިބިގެން އެނބުރި މައްކާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އުޘްމާން (ރ.ޢ.) އާއި ރުޤައްޔާގެފާނު ހިމެނިވަޑައިގަންނަވައެވެ. އަދި މަދީނާއަށް ހިޖުރަކުރުމުގެ އަމުރުފުޅު އަންނަންދެން އެކަލޭގެފާނު ހުންނެވީ މައްކާގައެވެ.

އުޘްމާން (ރ.ޢ.) ގެ ޝަޚްޞިއްޔަތު ބިނާވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ރަސޫލާ (ޞ.ޢ.ވ.) އާއެކު ހޭދަކުރެއްވި ވަގުތުތަކެވެ. މާތްﷲ މުޙައްމަދު (ޞ.ޢ.ވ.) ޙައްޤުދީނާއިގެން ފޮނުއްވުމުން އެންމެ ކުރިން އިޖާބަދިން މީހުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ. އަދި ދެ ހިޖުރަ ކުރަށްވައި، ރަސޫލާގެ ދަނބިދަރިކަލަކަށްވުމުގެ ޝަރަފު ލިބިވަޑައިގަތެވެ.

ކީރިތި ޤުރުއާނަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ލޯބި ނުހަނު ބޮޑެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި "އަހަރެމެންގެ ހިތްތައް ޠާހިރުނަމަ، މާތްﷲގެ ކަލާމްފުޅުން ފުދުމެއް ނުލިބުނީހެވެ." އެކަލޭގެފާނަކީ ޙާފިޡެކެވެ. އަދި އަބަދުވެސް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. އަވަހާރަވުމުގެ ކުރިން ރަސޫލާ (ޞ.ޢ.ވ.) އަށް މުޅި ޤުރުއާން ކިޔަވައިދެއްވައި ޚަތިމް ކުރެއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އިސްލާމީ ދައުލަތް ބިނާކުރުމުގައި އުޘްމާން (ރ.ޢ.) އަކީ އެންމެ ވަރުގަދަ އެއް ތަނބެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ލަފާފުޅާއި، މުދަލާއި، ނަޞޭޙަތުން ދައުލަތަށް އެހީތެރިވެވަޑައިގަތެވެ. ބަދުރު ހަނގުރާމަ ފިޔަވައި ހުރިހާ ބޮޑެތި ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގަތެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައި ނުގެންނެވުނީ އަނބިކަނބަލުން ރުޤައްޔާގެފާނު ބަލިވެއުޅުއްވާތީ އެކަމަނާއަށް އަޅާލުމަށްޓަކައި މަޑުކުރެއްވުމަށް ރަސޫލާ (ޞ.ޢ.ވ.) އަމުރުކުރެއްވުމުންނެވެ. ނަމަވެސް، އެ ހަނގުރާމައިގައި ބައިވެރިވި ބޭކަލުންނަށް ލިބޭނެ ފަދަ ދަރުމައާއި ޣަނީމާ މުދަލުގެ ހިއްސާ އެކަލޭގެފާނަށް ލިބޭނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ (ޞ.ޢ.ވ.) ދެއްވިއެވެ.

ރުޤައްޔާގެފާނު އަވަހާރަވުމުން، ހިޖުރައިން 3 ވަނަ އަހަރު ރަސޫލާ (ޞ.ޢ.ވ.) އެކަލޭގެފާނުގެ އަނެއް ދަރިކަނބަލުން އުއްމު ކުލްޘޫމްގެ ފާނު އުޘްމާން (ރ.ޢ.) އާ ކައިވެނިކޮށް ދެއްވިއެވެ. އުއްމު ކުލްޘޫމްގެފާނު އަވަހާރަވުމުން ރަސޫލާ (ޞ.ޢ.ވ.) ޙަދީޘްކުރެއްވީ، ތިންވަނަ ދަރިކަނބަލަކު ހުރިނަމަވެސް އެކަމަނާވެސް އުޘްމާން (ރ.ޢ.) އާ ކައިވެނިކޮށްދެއްވީސް ކަމަށެވެ. މިއީ ރަސޫލާ (ޞ.ޢ.ވ.) ގެ ހިތްޕުޅުގައި އެކަލޭގެފާނަށް އޮތް ލޯތްބާއި އިތުބާރު ހާމަވާ ކަމެކެވެ.

އުޘްމާން (ރ.ޢ.) އަކީ މާތްﷲ މުއްސަނދިކަން ދެއްވި ބޭކަލުންގެ ތެރެއިން އެންމެ ދީލަތި އެކަކެވެ. އެކަލޭގެފާނުގެ މުދާ ހޭދަކުރެއްވީ މާތްﷲ ރުހިވޮޑިގަންނަވާ ކަންކަމުގައެވެ. އޭގެ ތެރޭގައި މަދީނާގެ މީހުން ފެނަށް ޖެހިފައި ވަނިކޮށް 'ބިއުރު ރޫމާ' (ރޫމާ ވަޅު) ވިހި ހާސް ދިރުހަމަށް ބައްލަވައިގަނެ، އެންމެހައި މުސްލިމުންނަށް ވަޤުފް ކުރެއްވުމާއި، މަސްޖިދުއް ނަބަވީ ކުޑަވުމުން، މިސްކިތާ އިންވެގެން އޮތް ބިން ބައްލަވައިގަނެ މިސްކިތް ބޮޑުކުރުމަށް ހަދިޔާކުރެއްވުމާއި، ތަބޫކު ހަނގުރާމައިގައި އިސްލާމީ ލަޝްކަރު ތައްޔާރުކުރުމަށް ނުހަނު ގިނަ މުދާ ހޭދަކުރެއްވުން ހިމެނެއެވެ.

އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ ޚިލާފަތުގައި އުޘްމާން (ރ.ޢ.) ހުންނެވީ އެބޭކަލުންގެ އެންމެ އިތުބާރު ހުރި މުޝީރެއްގެ ގޮތުގައެވެ. އުމަރުގެފާނު އަވަހާރަވުމުގެ ކުރިން އުފެއްދެވި ހަ ބޭކަލުންގެ މަޖިލީހުން، ހިޖުރައިން 23 ވަނަ އަހަރު މުސްލިމުންގެ ތިންވަނަ ޚަލީފާއަކަށް އުޘްމާން (ރ.ޢ.) އިންތިޚާބު ކުރެވުނެވެ.

އެކަލޭގެފާނުގެ ޚިލާފަތުގައި ކުރެވުނު މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި އިސްލާމީ ދައުލަތުގެ ސަރަޙައްދު ތުރުކީ، އަރުމީނިއާ، އެފްރިކާ އަދި ސައިޕްރަސް ފަދަ ތަންތަން ފަތަޙަކުރަށްވައި ފުޅާކުރެއްވުމާއި، އިސްލާމީ ފުރަތަމަ ކަނޑުގެ ލަޝްކަރު ބިނާކުރެއްވުން ހިމެނެއެވެ. އަދި ކީރިތި ޤުރުއާން އެއް މުޞްޙަފަކަށް ޖަމާކުރެއްވުމަކީ އެކަލޭގެފާނުގެ އެންމެ ބޮޑު އެއް ޚިދުމަތެވެ. ހަމައެއާއެކު ތަފާތު ގޮތްގޮތަށް ޤުރުއާން ކިޔެވުމުގެ ސަބަބުން މުސްލިމުންގެ މެދުގައި ޚިލާފު އުފެދިދާނެތީ، އަބޫބަކުރުގެފާނުގެ ޒަމާނުގައި ލިޔުއްވި އަޞްލު މުޞްޙަފުން ކޮޕީތަކެއް ތައްޔާރުކުރަށްވައި އިސްލާމީ އެކި ސަރަޙައްދުތަކަށް ފޮނުއްވިއެވެ.

އެކަލޭގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި، ޔަހޫދީއެއް ކަމަށްވާ ޢަބްދުﷲ ބިން ސަބައު ފަދަ އިސްލާމްދީނުގެ ދުޝްމަނުން އިސްވެ ތިބެ ފިތުނަ އުފައްދައި، ރައްޔިތުން އެކަލޭގެފާނާ ދެކޮޅަށް ނެރުނެވެ. މި ބައިގަނޑު މީހުން މަދީނާއަށް އައިސް، އެކަލޭގެފާނުގެ ގެކޮޅު 40 ދުވަހަށް ޙިޞާރުކުރިއެވެ. މިސްކިތަށް ނަމާދަށް ވަޑައިގަތުމާއި ފެން ލިބުންވެސް މަނާކުރިއެވެ. ނަމަވެސް، މުސްލިމުންގެ މެދުގައި ލޭ އޮހޮރުވުމެއް ހިނގަން އެކަލޭގެފާނު ބޭނުންފުޅު ނުވާތީ، އެކަލޭގެފާނުގެ ދިފާޢުގައި ހަނގުރާމަކުރަން އުޅުނު ޞަޙާބީން އެކަމުން ހުއްޓުވިއެވެ.

ހިޖުރައިން 35 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 18 ވަނަ ދުވަހު، އެކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާން އިންނަވަނިކޮށް، ފިތުނަވެރިން ގެކޮޅަށްވަދެ އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. އެކަލޭގެފާނުގެ ޠާހިރު ލޭފޮދު އޮހޮރުނީ ކީރިތި ޤުރުއާނުގެ މައްޗަށެވެ. އެކަލޭގެފާނު ފަސްދާނުލެވުނީ މަދީނާގެ އަލްބަޤީޢުގައެވެ.

މާތްﷲ އުޘްމާން ބިން ޢައްފާން (ރ.ޢ.) އަށް ރަޙްމަތް ލައްވައި، އެކަލޭގެފާނަށް ރުހިވޮޑިގަންނަވާށިއެވެ. އަދި ސުވަރުގޭގައި އެކަލޭގެފާނާއެކު އަހަރެމެން ލައްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު