މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ފޮޓޯ: ބީއެމްއެލް
މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ މާލީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓްތަކަށް މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވަނީ، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން އަދި އީ-ކޮމާސް ވިޔަފާރިތަކަށް މިދިޔަ މަހުން ފެށިގެން ހިފަހައްޓާފައިވާ ލިމިޓުތަކަށް ގެންނަ މި ބަދަލުގެ ފައިދާ ވަރަށް އަވަހަށް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވެން ފަށާނެ ކަމަށެވެ. ބޭންކުން މިހާރު އަންނަނީ މި ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޕީއޯއެސް މެދުވެރިކޮށް މަހެއްގެ މައްޗަށް ބޭނުންކުރެވެނީ 1،000 ޑޮލަރެވެ. އަދި ބޭރުގެ ހޮސްޕިޓަލްތަކާއި، ހޮޓެލް ބުކިންތަކާއި އެއާލައިން ޓިކެޓް ގަތުމަށް ކަނޑައަޅާފައިވާ ހާއްސަ ލިމިޓަކީ މަހަކު 3،000 ޑޮލަރެވެ.

ބޭންކުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބީއެމްއެލްއިން ވަނީ ބާޒާރަށް 345 މިލިއަން ޑޮލަރު ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ކާޑު މުއާމަލާތްތަކެވެ. އެއީ ގާތްގަނޑަކަށް 198 މިލިއަން ޑޮލަރެވެ. ބާކީ 147 މިލިއަން ޑޮލަރަކީ އެކި ވިޔަފާރިތަކަށް ދޫކޮށްފައިވާ ފައިސާއެވެ.

މި މުއްދަތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ބޭންކުން ބޭރުކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި ހިންގާ އެހެން މާލީ އިދާރާތަކާ އަޅާބަލާއިރު ބީއެމްއެލްއަކީ ދިވެހި ރުފިޔާ ކާޑުތަކަށް އެންމެ ފުޅާދާއިރާއެއްގައި ޑޮލަރުގެ ހިދުމަތް ދެމުން އަންނަ ބޭންކެވެ.

މި ހާލަތަށް ހައްލެއް ހޯދުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބީއެމްއެލްއަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ފުރިހަމަ އެހީތެރިކަމާއި ޔަގީންކަން ދީފައިވާ ކަމަށް ބޭންކުން ބުނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މި މަސް ނިމޭ ހިސާބުގައި ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް މި މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް