ޕްރޮޮފެސަރ އުގައިލް
ޕްރޮޮފެސަރ އުގައިލް
އިޖުތިމާޢީ ގައިދުރުކަން ބައްހައްޓައިގެން އާންމު ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ އީޖާދީ ގޮތްތަކެއް ހޯދުމަށް ޕްރޮފެސަރ ހަސަން އުގައިލް އިސްނަންގަވައިގެން ގޭމް ތިއަރީ ބޭނުންކޮށްގެން ކުރާ ދިރާސާއެއްގެ މަސައްކަތް މިހަފުތާގައި ފައްޓަވާނެ ކަމުގައި އުގައިލް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ސަރުކާރުން ފަންޑުކޮށްގެން ހިންގާ މި ޕްރޮޖެކްޓާއި ބެހޭ ގޮތުން "ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޕްރޮފެސަރ އުގައިލް ވިދާޅުވީ މި މަސައްކަތަކީ ދުނިޔެ މިހާރު އޮތް ހާލަތުގައި ލޮކްޑައުން ކޮށްގެން އާންމު ދިރިއުޅުމަށް ކުރާ މަސައްކަތްތައް ހުއްޓާލައިގެން ނޫޅެވޭނެތީ އެކަމަށް ހައްލުތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަންނަވަނީ، މިހާރު މިއޮތް ގޮތަށް ކުރިއަށް ނުދެވޭނެތީ ހިނގާށޭ މި ލޮކްޑައުން ރިލީޒް ކުރާނެ ރަނގަޅުގޮތެއް ވިސްނަމާ. އެކަމަކު އަޅުގަނޑުމެން މިކަމުން ސަލާމަތްވެ ތިބެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ އަޅުގަނޑުމެން މިކިޔާ ސޯޝަލް ޑިސްޓެންސިންގއާއެކު ކުރިއަށް ދެވޭނެ ގޮތެއް ހޯދުން." އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ އިޖުތިމާޢީ ގައިދުރުކަމުގެ ސިޔާސަތަށް އަމަލު ކުރަން ބަލާއިރު ޤައުމު ތަކުގެ އިޖުތިމާޢީ ކަންކަން ހުރީ އެފަދަ ގޮތަކަށް ބައްޓަން ކުރެވިފައެއް ނޫނެވެ.

"މިވަގުތު ދުނިޔެއަކު ނެތް އަޅުގަނޑުމެން މިކިޔާ ސޯޝަލް ޑިސްޓެންސިންގ ބެހެއްޓޭނެ ގޮތަކާއި، ބަހައްޓައިގެން ކުރިއަށްދާނެ ގޮތްތަކެއް ރޭވި ކަނޑައެޅިފައެއް ނެތް. އަދި މިކަމުގައި މާބޮޑު ދިރާސާތަކެއް ވެސް ކުރެވިފައެއް ނެތް." އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ ދިރިއުޅުމުގެ ހުރިހާކަމެއްގައި ވެސް އިޖުތިމާޢީ ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމު ކޮށްގެން އާންމު ދިރިއުޅުމުގެ ހާލަތަށް ޤައުމުތަކުގެ ދިރިއުޅުން ބަދަލުކޮށްގެން ނޫނީ މިމައްސަލައަށް ހައްލެއް ނެތްކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން މިދަނީ ސުޕަރ މާރކެޓަކަށް އެއްޗެހި ގަންނަން. އަޅުގަނޑުމެން އެތަނަށް ދާއިރަކު ނޭނގޭ މި ދުރުމިން ބަހައްޓަން ކިޔޫ ހަދާނީ ކިހިނެއް ކަމެއް. ކިހާ ދުރުމިނަކުތޯ ތިބެންޖެހޭނީ. ކިހިނެއްތޯ އެގޮތަށް އޯގަނައިޒް ކުރާނީ. ސުޕަރމާކެޓް ތެރޭގަ އެކަކު އަނެކަކާ ގައިގޯޅި ނުވެ ކިހިނެއްތޯ މީހުން ކުރިއަށްދާނީ. އަޅުގަނޑުމެން ބޭނުންވޭ ސުޕަރމާކެޓަށްވެސް ދާން، އެއްޗެހިވެސް ގަންނަން." އުގައިލް ވިދާޅުވިއެވެ.

ޕްރޮފެސަރ އުގައިލް ވިދާޅުވީ އާންމުކޮށް ބާއްވަން ޖެހޭ ބައްދަލުވުން ތަކާއި ކޮންމެ ދުވަހަކު ކުރަންޖެހޭ މުއާމަލާތްތައް، އެކަކު އަނެކެއްގެ މޫނު ނުފެނި، ސީދާ ބައްދަލު ނުވެ އަބަދު ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އަދި އެއީ ހައްލެއްވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އަބަދަކު ޒޫމަކުން ސްކައިޕަކުން މިކަމެއް ނުކުރެވޭނެ. އެކަކު އަނެކަކާ ބައްދަލުވެ މޫނުފެންނަން ޖެހޭ. ވާހަކައަކީ، ކޮންމެ ވެސް ހިސާބަކުން އަޅުގަނޑުމެން އެބަޖެހޭ ބައްދަލުވުންތައް ވެސް ބާއްވަން." އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ އޮފީސްތަކާއި މީޓިންގ ރޫމްތަކާ އަދި އެފަދަ އެހެނިހެންވެސް މަސައްކަތުގެ މާހައުލު ތަކުގައި އިޖުތިމާޢީ ގައިދުރުކަން ބަހައްޓާނެ ގޮތްތަކާއި ހަމަތަކާއި އެކަން ކުރުމަށް އެތަނެއްގެ އެތެރޭގެ މާހައުލު އަތުރާފައި ހުންނަންޖެހޭ ގޮތްތަކެއް ކަނޑައެޅުމަކީވެސް މިދިރާސާއިން ކުރެވޭނެ މުހިންމު މަސައްކަތެކެވެ.

"މިސާލަކަށް މީޓިން ރޫމެއްގައި މީހަކު ކެއްސާ ކިނބިހި އަޅައިފިއްޔާ ކިހާ ދުރުމިނެއްގައި ތިބީމަތޯ އޭގެ އަސަރު ނުކުރާނީ. ކިހާ ދުރުމިނެއްގައިތޯ މީހުން ތިބެންޖެހޭނީ. ވަކި ވަރަކަށްވުރެ ދުރުމިނެއްގައި މީހުން ބައިތިއްބައިފިއްޔާ ދިމާވާނެ މައްސަލަ ތަކެއް ވެސް ހުންނާނެ. މީހުންގެ މޫނުގެ ކުލަވަރު ނުފެނުމާއި މޫނަށް އެއަންނަ ހަރަކާތްތައް ރަނގަޅަށް ނުފެނިއްޖެއްޔާވެސް ދަތި ތަކާ ދިމާވާނެ." ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ މި ދިރާސާގައި ކުރާނެ އެއް މަސައްކަތަކީ ކޮމްޕިއޓަރގެ އެހީގައި މޮޑިއުލް ތަކެއް ހަދައި، މިކަން ކުރެވޭނެ ގޮތްތަކެއް ބައްޓަންކޮށް އުސޫލުތަކެއް ރޭވުމެވެ.

"މިސާލަކަށް ސްކޫލްތައް ވެސް އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް ގެންދަން. އެކަމަކު ކްލާސް ރޫމްތައް ކިހިނެއްތޯ ބަހައްޓާނީ. ކިހިނެއްތޯ ގޮނޑިޖަހާނީ. ކިހިނެއްތޯ ކްލާސްތެރެ ރާވާނީ." މިފަދަ ގިނަ ދިރާސާތަކެއް ކުރައްވައި ދުނިޔޭގެ ފެންވަރުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަވާފައިވާ ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ މި މަސައްކަތަކީ ޒަމާނީ އީޖާދީ އުފެއްދުންތަކުގެ އަލީގައި އިޖުތިމާޢީ ގައިދުރުކަން ގެންގުޅޭނެ ރަނގަޅު އުސޫލުތަކަކާއި ގޮތްތަކެއް ހޯދައި އެކަން ކުރެވޭނެ ނިޒާމެއް ކަނޑައެޅުމެވެ. "އަސްލު ކޮމްޕިއުޓަރ ގޭމް ތަކުގައި މިކަހަލަ އައިޑިއާތައް ބޭނުން ކޮށްފަ އެބަހުރި. ހިސާބުގެ އަދަދުތައް ބޭނުންކޮށްގެން އެމީހުން ހަދާފަހުންނަ އެއްޗެހިތަކެއް އެބަހުރި. އަޅުގަނޑުމެން ބޭނުންވަނީ އެކަހަލަ އައިޑިއާތައް މީގައިވެސް ބޭނުން ކުރަން. އަޅުގަނޑުމެންގެ އެއް ވިސްނުމަކީ ގޭމެއްގެ ތެރެއިން މިކަމަށް ބޭނުންވާ ހައްލު ހޯދުން."

އުގައިލް ވިދާޅުވީ މިކަމަކީ ދުނިޔޭގައިވެސް މުޅިން އަލަށް ކުރާ ކަމެކެވެ. ނަމަވެސް މިކަހަލަ އެއްޗެއް ތައްޔާރުކުރެވިއްޖެއްޔާ ކަންކަން ރާވާ ހިސާބުގައި ތިއްބަވާ ބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ ދުނިޔެ ހުއްޓުމަކަށް ގެނަސްފައިވާ މި ވައިރަހަށް އަދި ވެކްސިނެއް ހޯދިފައި ނެތް ނަމަވެސް ދުނިޔޭގެ ގައުމުތައް ނުހުއްޓި ހިނގާނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އުގައިލް ވިދާޅުވީ އަންނަ ހޯމަ ދުވަހު މި ޕްރޮޖެކްޓްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މި ޕްރޮޖެކްޓަށް އިނގިރޭސި ސަރުކާރުން ފަންޑު ދިނީ ވެސް މިއީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް އުގައިލް ވިދާޅުވިއެވެ. އަދި އަންނަ މޭ މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު މި ޕްރޮޖެކްޓްގެ ފުރަމަ ފޭސްގެ މަސައްކަތް ނިންމަވާނެ ކަމަށާއި މިމަސައްކަތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ވަރަށް އަވަހަށް ކުރިއަށް ގެންދަން ބޭނުންވާ މަސައްކަތެއް ކަމުގައި ވެސް އުގައިލް ވިދާޅުވިއެވެ. މިމަސައްކަތުގައި އުގައިލާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސައިންޓިސްޓުން ހިމެނޭ ގޮތަށް 30 ވަރަކަށް މީހުން މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން