ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދު ވަގުތު ޖެހުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެކަން ތަންފީޒުކުރާނެ ރަސްމީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ނަމާދަށް ބަންގި ގޮވުމާއެކު 20 މިނެޓު ވަންދެން ހުރިހާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލާ ތަންފީޒުކުރާނެ ގޮތުގެ އުސޫލެއް އެ ވުޒާރާއިން މިހާރު އެކުލަވާލަމުންދާ ކަމަށެވެ. އަދި އެ އުސޫލު ފާސްކޮށް، ހުރިހާ އެސޯސިއޭޝަންތަކާ ހިއްސާކުރެވެންދެން، އެސޯސިއޭޝަންތަކުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތައް މި ނިންމުމުން އިސްތިސްނާވާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ބާއްވާތީ، އެފަދަ މުބާރާތްތަކުގައި ގެންގުޅޭ ބައިނަލްއަގްވާމީ ގަވާއިދުތަކާ ފުށުނާރާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުމެވެ. މީގެ އިތުރުން، ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.

ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ނަމާދު ވަގުތަށް 20 މިނެޓަށް ހަރަކާތްތައް ހުއްޓާލުމަށް ކުޅިވަރު ވުޒާރާއިން ރަސްމީކޮށް އެންގީ އިއްޔެއެވެ. އެ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މިއީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބްތަކާއި، އެކަޑަމީތަކާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައިވެސް މި ސިޔާސަތު ތަންފީޒުކޮށްދިނުމަށް އެދޭ ކަމަށެވެ.

ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ރައީސް ވިދާޅުވެފައިވަނީ، ނަމާދު ވަގުތަށް އިސްކަންދިނުމުގެ އިތުރުން، އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދު ކުރެވޭނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މި މަސައްކަތްތައް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު