ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެންދާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވަރަށް ބޮޑު ކުރިއެރުމަކާއި ފާގަތިކަމެއް ލިބިގެންދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ދީނީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލުކުރެވޭނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަމްރީނުކުރާ ޒުވާން ޚަޠީބުންގެ އަދަދު 1,000 އަށް އަރާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ. މީގެއިތުރުން، ޤުރުއާން ހިތުދަސް ހާފިޒުންގެ އަދަދު 350 އާ ގާތްކުރާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކަށް ބޭނުންވާ މާލީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އަޅާ ބިޔަ ބޮޑު ވަޤުފު ބިނާތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މީގެ ސަބަބުން ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރަށް މުއްސަނދިވެ، ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުވެގެންދާނެއެވެ.

މީގެއިތުރުން، އަތޮޅުތެރޭގައި މިހާރު އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ބިނާކުރަމުންދާ ގިނަ މިސްކިތްތަކެއް ނިމި، އާންމުންނަށް ހުޅުވިގެންދާނެ ކަމީ ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިޖުރީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރެވެ. މި މުނާސަބަތާ ގުޅުވައިގެން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް މިއަހަރު އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހޭލުންތެރި ޖީލެއް ބިނާކުރުމާއި، ދީނީ ކަންކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުރިހަމަކޮށް، ރާއްޖެއަކީ އިސްލާމީ ދުނިޔޭގައި ނަމޫނާ ޤައުމަކަށް ހެދުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު