މިއަދުގެ ޒަމާނީ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން، ގިނަ ވަގުތު އޭސީ ކޮށްފައިވާ އޮފީސްތަކާއި ގޭގޭގައި ހޭދަކުރުމަކީ އާންމު ކަމެކެވެ. ހޫނުގަދަ މޫސުމެއްގައި އޭސީގެ ފިނިކަމަކީ އަރާމު ކަމަކަށް ވީނަމަވެސް، މުޅި ދުވަހު ބޭރަށް ނުނިކުމެ، ހަމައެކަނި އޭސީ ކޮށްފައިވާ މާހައުލެއްގައި އުޅުމަކީ އިންސާނާގެ ދިފާއީ ނިޒާމަށާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

އޭސީގެ ސަބަބުން ހަށިގަނޑަށް ކުރާ އެންމެ ބޮޑު އެއް ނޭދެވޭ އަސަރަކީ ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓް ވުމެވެ. އޭސީއަކީ ވައިގެ ތެރޭގައި ހުންނަ ތެއްކަން ދަމައިގަންނަ އެއްޗަކަށް ވުމާއެކު، އޭގެ ސަބަބުން ހަމުގެ ތެތްކަން ގެއްލި، ހަންގަނޑު ކުރަކިވެއެވެ. މީގެ އިތުރުން، ލޮލުގެ ތެތްކަން ކުޑަވެ، ލޯ ހިރުވުމާއި ލޯ ރަތްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ޚާއްޞަކޮށް ކޮންޓެކްޓް ލެންސް ބޭނުންކުރާ މީހުންނަށް މި އުނދަގޫތައް އިތުރަށް ބޮޑުވެއެވެ.

ނޭވާލާ ނިޒާމަށް ބަލާއިރު، މުޅި ދުވަހު އޭސީގައި އުޅުމަކީ ނޭފަތާއި ކަރުތެރެ ހިއްކާލާ ކަމެކެވެ. މީގެ ސަބަބުން ކަރުގައި ރިއްސުމާއި، ނޭފަތް ބެދުމާއި، އަދި ސައިނަސް ފަދަ މައްސަލަތައް ހުންނަ މީހުންނަށް އެ ބަލީގެ އުނދަގޫތައް އިތުރުވެގެންދެއެވެ. އޭސީ ފިލްޓަރުތައް ގަވާއިދުން ސާފުނުކުރާނަމަ، އޭގެ ތެރޭގައި އުފެދޭ ބެކްޓީރިއާ އާއި މޮލްޑް ވައިގެ ތެރެއަށް ފެތުރި، ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހިވެއެވެ.

ބޮލުގައި ރިއްސުމާއި މައިގްރޭންގެ މައްސަލައަކީ ވެސް އޭސީގައި ގިނަވަގުތު ހޭދަކުރުމުގެ ނަތީޖާއެކެވެ. ހަށިގަނޑުން ފެން މަދުވުމާއި، ބޭރުގެ ހޫނުމިނާއި އެތެރޭގެ ފިނިމިނުގެ ތަފާތު ބޮޑުވުމަކީ ނާރުތަކަށް ބާރުބޮޑުވެ، ބޮލުގައި ރިއްސުން މެދުވެރިވާ ކަމެކެވެ. ހަމައެހެންމެ، މުޅި ދުވަހު އޭސީގައި އުޅޭ މީހުންނަށް ވަރުބަލިކަން އިހުސާސްވުމާއި، ހަށިގަނޑުގެ ވަރުދެރަވުން ފަދަ ކަންކަން ކުރިމަތިވަނީ، ފިނި މާހައުލެއްގައި ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހަށިގަނޑުން އިތުރު ހަކަތަ ބޭނުންކުރަން ޖެހޭތީއެވެ.

ހުޅުތަކާއި މަސްތަކުގައި ރިއްސުމަކީ ވެސް އޭސީގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ގިނަވަގުތު ފިނީގައި އިނުމުން ހުޅުތަކުގެ ލޫކްސިލްކަން ކުޑަވެ، ރިއްސުން އިތުރުވެއެވެ. އަދި ބޭރަށް ނުނިކުމެ ގިނަވަގުތު އެތެރޭގައި ހޭދަކުރުމުން، އިރުގެ އަލިން ލިބޭ ވިޓަމިން-ޑީ ހަށިގަނޑަށް ނުލިބި، ދިފާއީ ނިޒާމު ބަލިކަށިވެއެވެ. މީގެ އިތުރުން، ތާޒާ ވައި ނުލިބި އެއް ވައެއް ދައުރުވާ މާހައުލެއްގައި ހުރުމުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.

އޭސީގެ ފިނިކަމަކީ އަރާމު ކަމަކަށް ވީނަމަވެސް، ސިއްހަތަށްޓަކައި މުޅި ދުވަހު އޭސީގައި އިނުމުގެ ބަދަލުގައި، ކޮންމެވެސް ވަގުތެއްގައި ބޭރުގެ ތާޒާ ވައި ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެކެވެ. ގިނައިން ފެން ބުއިމާއި، ހަންގަނޑުގައި މޮއިސްޗަރައިޒާ ބޭނުންކުރުމާއި، އަދި އޭސީގެ ފިނިމިން މާ ދަށްނުކޮށް މެދުމިންވަރެއްގައި ބެހެއްޓުމަކީ މި ދެންނެވި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު