ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަމާޒުކުރައްވައި މުހިންމު މެސެޖެއް ދެއްވައިފިއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ހިޖުރީ އާ އަހަރުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ކުރިއަށް އޮތް އަހަރު އެމްޑީޕީން ކުރިއަށްގެންދަން ނިންމާފައިވާ ސިޔާސީ މަސައްކަތްތަކަށާއި ގައުމީ އިސްލާހަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ފެށުނު އާ އަހަރަކީ އެމްޑީޕީން ވަރަށް ބާރަށް ސިޔާސީ ހަރަކާތްތައް ހިންގަން ފަށާނެ އަހަރެއް ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ދައުވާތައް މަޑުޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާއި ވަޒީފާގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ނޫސްވެރިންނަށް ދައްކަމުންދާ ބިރުވެރިކަމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާގެ ބިރުދެއްކުން މި އަހަރުގެ ތެރޭގައި ހުއްޓުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ފުރިހަމައަށް ހަވާލުކުރެވިގެންދިއުމަކީ މި އަހަރުގެ ތެރޭގައި ހާސިލްވާންޖެހޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"ދިވެހިރާއްޖެ އިސްލާހުގެ މަގުގައި ކުރިއަށް ފިޔަޅު އެޅޭނެ އަހަރެއް ކަމުގައި މި އަހަރު ލައްވާށި،" ރައީސް ނަޝީދުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު