ޖަޕާން އާއި ޖަރުމަން ވިލާތުގެ ޕްރައިމް މިނިސްޓަރ
ޖަޕާން އާއި ޖަރުމަން ވިލާތުގެ ޕްރައިމް މިނިސްޓަރ
ދެވަނަ ބޮޑު ހަނގުރާމައަށްފަހު 80 އަހަރު ފާއިތުވެފައިވާއިރު، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ޖަރުމަނާއި ޖަޕާނުން އެ ޤައުމުތަކުގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މި ދެ ޤައުމުން ގެންގުޅުނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ދިފާއީ ސިޔާސަތެކެވެ. އަދި ސަލާމަތީ ކަންކަމުގައި ބޮޑަށް ބަރޯސާވެފައި އޮތީ އެމެރިކާއަށެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިނަށް އެރުމާއި، ޗައިނާގެ އަސްކަރީ ނުފޫޒު ގަދަވަމުންދިއުމާއި، އަދި ކުރިމަގުގައި އެމެރިކާގެ އެހީތެރިކަން ލިބޭނެ މިންވަރާ މެދު އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން، މި ދެ ޤައުމުގެ ސްޓްރެޓެޖީއަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ބަލިވުމަށްފަހު، ކުރީގެ "އެކްސިސް" ބާރުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ޖަޕާނުން އިސްކަންދިނީ އިޤްތިޞާދީ ތަރައްޤީއަށެވެ. ޖަރުމަނުން އިޖުތިމާޢީ ޕްރޮގްރާމްތަކަށާއި ޤައުމު އާބާދުކުރުމަށް އިސްކަންދިންއިރު، ޖަޕާނުން ވަނީ ހަނގުރާމަ ކުރުން މަނާކުރާ ސުލްހަވެރި ޤާނޫނުއަސާސީއެއް އެކުލަވާލައި، އެ ޤައުމުގެ އަސްކަރިއްޔާ ހަމައެކަނި ދިފާއީ ކަންކަމަށް ޚާއްޞަކޮށްފައެވެ.

މިއަދު މި ދެ ޤައުމުން ދަނީ އަސްކަރިއްޔާ ޒަމާނީކުރުމަށާއި، ޑްރޯން، ހެލިކޮޕްޓަރު އަދި ސަލާމަތީ ރޭވުންތަކުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެނީ ޖީ-7 ގެ އެހެން ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއާއެކު ބާއްވާ މަޝްވަރާތަކުގެ ތެރެއިންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި އޮތް އިއްތިޙާދާ ޚިލާފަށް، މިހާރުގެ ގުޅުން ބިނާވެފައިވަނީ ދިފާއީ ކަންކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސަރަޙައްދީ ހަމަޖެހުމުގެ މައްޗަށެވެ. ޖަރުމަނަކީ މިހާރު ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ޤައުމެވެ. އަދި ޖަޕާނުން ދަނީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ސަލާމަތީ ގުޅުންތައް ފުޅާކުރަމުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ދުނިޔޭގެ ނުރައްކާތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ދެ ޤައުމުގެ ދިފާއީ ބާރު ވަރުގަދަކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖަރުމަނާއި ޖަޕާނުން ދަނީ ދުނިޔޭގެ ސަލާމަތީ ކަންކަމުގައި ކުރިއަށްވުރެ ބޮޑު ދައުރެއް އަދާކުރަމުންނެވެ. މިއީ ހަނގުރާމައަށްފަހު އެ ޤައުމުތަކުގެ ތާރީޚަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ.



ކިޔުންތެރިންގެ ހިޔާލު