މީދޫ ކައުންސިލް ރައީސަކު ހޮވުމަށް ބާއްވާ އިންޔިހާބު، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މީދޫ ކައުންސިލް ރައީސަކު ހޮވުމަށް ބާއްވާ އިންޔިހާބު، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 49.86 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށް ޖުމުލަ 523 މީހަކު ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 210 އަންހެނުންނާއި 313 ފިރިހެނުންނެވެ.

މި އިންތިޚާބުގައި ޖުމުލަ 1,049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މީދޫގައި ބަހައްޓާފައިވާ ފޮށިތަކަށް 587 މީހަކު ވޯޓުލުމަށް ހަމަޖެހިފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓަށް 462 މީހަކު ވަނީ ރަޖިސްޓަރީކޮށްފައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާޠިމަތު ސުހާ އިބްރާހީމެވެ. މިއަދު ހެނދުނު 08:00 ގައި ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، މިދިޔަ އެޕްރިލް މަހު ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. އެފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓު ކަރުދާހަކީ ސައްހަ ވޯޓެއް ކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެން، ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު ވަނީ އެއްވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު