ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމަށްޓަކައި، ސަރުކާރު ޖަވާބުދާރީކުރުވައި މަގުދައްކައިދޭނެ ތަޖުރިބާކާރު އިދިކޮޅު ފަރާތެއްގެ ދައުރު ނުހަނު ބޮޑު ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، ކުޑައިރު މައިންބަފައިން ދަރިންނަށް ކުށެއް ކުރެވޭ ކޮންމެ ފަހަރަކު ރަނގަޅު މަގު ދައްކައިދޭ ފަދައިން، ޑިމޮކްރަސީއެއްގައި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ގޯސް ދިމާލަކަށް ދާނަމަ އެކަންކަމާ ސުވާލުކޮށް އިސްލާހުކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ.

ބިނާކުރަނިވި ފާޑުކިޔުމަކީ ސަރުކާރަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި، އެއީ ހަރުދަނާ ވެރިކަމެއް ހިންގުމަށް ލިބޭ ބޮޑު އެހީއެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އިދިކޮޅު ފަރާތްތަކުން ޒިންމާދާރުވެ، ހަމައެކަނި ފާޑުކިޔުމަށްވުރެ އަމަލީ ހައްލުތައް ހުށަހަޅަންޖެހޭ ފަދައިން، ވެރިކަންކުރާ ޕާޓީވެސް ތަފާތު ވިސްނުންތައް އަޑުއަހަން ތައްޔާރަށް ތިބެންޖެހޭނެ،" ފިރާގް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ލީޑަރޝިޕްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސަތުގައި ފެށިގެންދާ އާ ބާބަށް މަރުޙަބާ ވިދާޅުވަމުން ފިރާގް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދުގެ ތަޖުރިބާއަކީ ގައުމީ މައްސަލަތަކުގައި ބިނާކުރަނިވި މަޝްވަރާ ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ. ޑިމޮކްރެޓިކް ޑައިލޮގް ހަރުދަނާކޮށް، ގައުމަށް ބޭނުންވާ އިރުޝާދު ދިނުމުގައި އެމަނިކުފާނުގެ ދައުރު މުހިންމުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިރާގް ވިދާޅުވީ ސަރުކާރުގައި ތިއްބަސް ނުވަތަ އިދިކޮޅުގައި ތިއްބަސް އެންމެ އިސްވާންޖެހޭނީ ގައުމީ މަސްލަހަތު ކަމަށެވެ. އަދި ހަރުދަނާ ގައުމެއް ބިނާކުރެވޭނީ ސަރުކާރާއި އިދިކޮޅު ފަރާތްތައް ގުޅިގެން، ގޯސްތައް އިސްލާހުކޮށް ގައުމު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު