ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ފްލެޓުތަކަށް ކުލި ދެއްކުން ލަސްވުމުގެ ސަބަބުން ނަގަމުންދާ ޖޫރިމަނާ ހުއްޓާލުމަށާއި، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ އަދި ފަންނީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގޮވާލައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން މެންބަރު ކުޑޫ ވަނީ މި މަހުގެ ތިންވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ ފްލެޓުތަކުގެ ވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތައް ތަފްސީލުކޮށް ހިއްސާކުރައްވައި، އެ ކަންކަމަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މެންބަރުގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓު ލިބިފައިވާ ގިނަ ފަރާތްތަކަކީ އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުން ކަމަށްވާތީ، ކޮންމެ މަހެއްގެ ނުވަވަނަ ދުވަހާ ހަމައަށް ގިނަ ފަހަރަށް އާމްދަނީ ލިބުމުގައި ދަތިތަކެއް ހުރެއެވެ. ނަމަވެސް، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ފަރާތްތަކުގެ އަތުން 1،000 ރުފިޔާ އާއި 3،000 ރުފިޔާއާ ދެމެދުގެ ބޮޑު އަދަދެއް ޖޫރިމަނާގެ ގޮތުގައި ނަގަމުންދާތީ، އެކަމުގެ ސަބަބުން އާއިލާތަކަށް ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އެއްވެސް ޖޫރިމަނާއަކާ ނުލައި ކޮންމެ މަހެއްގެ ނިޔަލަށް ކުލި ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު މިވަގުތު ހުރި ގޮތުން ރައްޔިތުންނަށް އުނދަގޫތަކެއް ހުރި އިރު، ކުރިން އިއުލާނުކުރި ކުލީގެ އިތުރަށް ސަރުކާރުން އަލަށް އިތުރުކުރި 2،000 ރުފިޔާގެ މައްސަލަވެސް މެންބަރު ފާހަގަކުރެއްވިއެވެ. މި ފައިސާ ދެއްކުމަށް ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށާއި، ހިޔާ މަޝްރޫއާ އެއްގޮތަށް އެ މުއްދަތު ހަ މަސް ނުވަތަ އެއް އަހަރަށް އިތުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ފްލެޓުތަކުގެ ފެންވަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، މެއިންޓެނެންސް ފީގެ ގޮތުގައި ބޮޑު އަދަދެއް ނަގަމުންދާއިރުވެސް، އިމާރާތުގެ ކުޑަދޮރުތަކުން ފެން ވަނުމާއި ފާހާނާތަކުން ފެން ލީކުވުން ފަދަ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އަދި މިފަދަ ކަންކަން ރިޕޯޓު ކުރުމުންވެސް އެދެވޭ އިޖާބައެއް ނުލިބޭކަމުގެ ޝަކުވާ އާންމުން ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެހެން ސޯޝަލް ހައުސިން މަޝްރޫއުތަކާ ހިލާފަށް، އެފްޑީސީގެ ފްލެޓުތަކުގެ އެއްބަސްވުންތައް "ގަނެވިއްކުމުގެ އެއްބަސްވުން" ތަކަކަށް ހަދާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންވެސް މެންބަރު ފާޅުކުރެއްވިއެވެ. މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ އުސޫލާ ހިލާފު ކަމެއްކަން ފާހަގަކުރައްވައި، މިހާރު ހުރި އެއްބަސްވުންތައް ބަދަލުކޮށްދިނުމަށް އޭނާ ވަނީ ސިޓީގައި ގޮވާލައްވާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާތީ، އެ ސަރަހައްދުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޕާކުތަކާއި ކުޅިވަރު މައިދާންތައް އިތުރުކުރުމުގެ އިތުރުން، ދަތުރުފަތުރާއި އިންޓަނެޓުގެ ހިދުމަތް ފަދަ އަސާސީ ވަސީލަތްތައް އެޗްޑީސީއާ ގުޅިގެން ފުރިހަމަކޮށްދިނުމަށްވެސް މެންބަރު ކުޑޫ ވަނީ އެފްޑީސީގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު