ރަޝިޔާގެ ރައީސް ޕުޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ރަޝިޔާގެ ރައީސް ޕުޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ވައިގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ފަސްވަނަ ޖީލުގެ "ސްޓެލްތް" ފައިޓާ ޖެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ރަޝިޔާގެ ސުކޯއީ އެސްޔޫ-57 (Su-57) ބޯޓުތައް ގުޅިގެން އުފެއްދުމުގެ ދައުވަތު ރައީސް ވްލަޑިމިއަރ ޕޫޓިން އަލުން ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކާ ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ، ދިފާއީ ދާއިރާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ހިއްސާކުރުމަށާއި، އަސްކަރީ ބޮޑެތި މަޝްރޫއުތައް އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރަޝިޔާ އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. ކުރިން ވެސް މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އިންޑިއާއަށް ދީފައިވާނެކަން ފާހަގަކުރައްވައި ޕޫޓިން ވިދާޅުވީ، ރަޝިޔާއިން މިހާރު އަމިއްލައަށް މި ބޯޓު އުފެއްދި ނަމަވެސް، މި ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށެވެ.

ޚަރަދު ބޮޑުވުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން، ބޯޓުގެ ސްޓެލްތް ގާބިލުކަމާ މެދު އުފެދުނު ސުވާލުތަކާ ގުޅިގެން 2018 ވަނަ އަހަރު އިންޑިއާއިން ވަނީ މި މަޝްރޫއުން ވަކިވެފައެވެ. ނަމަވެސް، އިންޑިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ މަސައްކަތް ހަލުވިކޮށްފައިވާ މި ދަނޑިވަޅުގައި މި ހުށަހެޅުން އަލުން ލިބުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އިންޑިއާއިން އަމިއްލައަށް ފަސްވަނަ ޖީލުގެ ހަނގުރާމަމަތީ ބޯޓެއް (AMCA) އުފެއްދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މަޝްރޫއު ނިމި ބޯޓުތައް ބޭނުންކުރަން ފެށޭވަރު ވާނީ 2030 ގެ އަހަރުތަކުގެ މެދުތެރޭގައެވެ.

ރަޝިޔާގެ ސުކޯއީ ޑިޒައިން ބިއުރޯއިން އުފައްދާފައިވާ އެސްޔޫ-57 އަކީ އެއްގަމާއި، ކަނޑާއި އަދި ވައިގެ އަމާޒުތަކަށް ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. ރަޝިޔާއިން ބުނާ ގޮތުގައި މިއީ ހަނގުރާމައިގެ އަމަލީ މައިދާނުގައި (ސީރިއާ އަދި ޔޫކްރެއިންގައި) ބޭނުންކޮށް، ކާމިޔާބީ ސާބިތުކޮށްދީފައިވާ ފަސްވަނަ ޖީލުގެ ހަމައެކަނި ފައިޓާ ޖެޓެވެ.

މާހިރުން ދެކޭގޮތުގައި، ރަޝިޔާގެ މި ހުށަހެޅުމާ މެދު އިންޑިއާއިން ފުންކޮށް ވިސްނާނެއެވެ. އެހެންނަމަވެސް، އިންޑިއާއިން މިހާރު ދަނީ ހަމައެކަނި ރަޝިޔާއަށް ބަރޯސާވުމުގެ ބަދަލުގައި ފްރާންސާއި އެމެރިކާ ފަދަ ގައުމުތަކާއެކު ވެސް ދިފާއީ ގުޅުންތައް ބަދަހިކުރަމުންނެވެ. އެހެންކަމުން، އިންޑިއާގެ ކުރިމަގުގެ ވައިގެ ބާރު ވަރުގަދަކުރުމުގައި މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމަކަށް ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު