އިރާންގެ މަގެއް
އިރާންގެ މަގެއް
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނާޒުކު މަޝްވަރާތަކުގައި، ފުރިހަމަ އެއްބަސްވުމަކަށް އައުމަށް ހުރަސްއަޅާ މުހިންމު ހަތަރު ކަމެއް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ މި އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު އުފެދިފައިވާ ނާޒުކު ސުލްހައިގެ މާހައުލެއްގައެވެ. އޭގެ ތެރޭގައި އީރާނުގެ ނަތަންޒް، ފޯޑޯ އަދި އިސްފަހާންގައި ހުރި މުހިންމު ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތައް ހިމެނެއެވެ.

މަޝްވަރާގެ އެންމެ އިސް އެއް ކަމަކީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ދިގު މުއްދަތަކަށް ހުއްޓާލުމަށް އެމެރިކާއިން ކުރާ ޑިމާންޑެވެ. އީރާނުން ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދިނުމަށްޓަކައި، އެމެރިކާގެ އޮފިޝަލުން ބޭނުންވަނީ 20 އަހަރުގެ މުއްދަތަކަށް އެ މަސައްކަތް މެދުކަނޑާލުމަށެވެ. ނަމަވެސް އީރާނުން ބާރުއަޅަނީ 15 އަހަރުގެ އެއްބަސްވުމަކަށެވެ.

ދެވަނަ ކަމަކީ އީރާނުގައި މިހާރު ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަހީނުތަކާމެދު އަމަލުކުރާނެ ގޮތެކެވެ. އެމެރިކާއިން ބޭނުންވަނީ ބައިނަލްއަގުވާމީ ބެލުމުގެ ދަށުން އެތަކެތި ނައްތާލުމަށް ނުވަތަ ބޭރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށެވެ. އެހެންނަމަވެސް، އީރާނުން ބޭނުންވަނީ އެ ގައުމުގެ ޔުރޭނިއަމްގެ މައްޗަށް އޮތް ސިޔާދަތީ ބާރު ދެމެހެއްޓުމަށާއި، ބޭރުގެ ފަރާތްތަކުން އެކަމަށް ނުފޫޒު ފޯރުވުމާ ދެކޮޅު ހެދުމަށެވެ.

އީރާނުގެ މުހިންމު ނިއުކްލިއާ މަރުކަޒުތަކުގެ މުސްތަގުބަލާ މެދުވެސް ބަހުސްތައް ދަނީ ކުރެވެމުންނެވެ. ވޮޝިންޓަނުން ބާރުއަޅަނީ ނަތަންޒް، ފޯޑޯ އަދި އިސްފަހާންގެ މަރުކަޒުތައް އެއްކޮށް އުވާލުމަށެވެ. އީރާނުގެ އޮފިޝަލުން ބައެއް ތަންތަން ބަންދުކުރަން އެއްބަސްވި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުން ހުއްދަކުރާ ސުލްހަވެރި ބޭނުންތަކަށްޓަކައި މަދުވެގެން އެއް މަރުކަޒު ހުޅުވާފައި ބެހެއްޓުމަށް ބޭނުންވެއެވެ.

ހަތަރުވަނަ ގޮންޖެހުމަކީ ފާސްކުރުމާއި ބެލެހެއްޓުމުގެ ނިޒާމެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) އަށް އީރާނުގެ އަސްކަރީ މަރުކަޒުތައް ހިމެނޭހެން، ކުއްލި ގޮތަކަށް ބަލައި ފާސްކުރުމުގެ ފުރިހަމަ ބާރު ދިނުމަށް އެމެރިކާއިން އެދެއެވެ. ނަމަވެސް އީރާނުން އަންނަނީ އެ ގައުމުގެ ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދުތަކަށް ބޭރުގެ ފަރާތްތަކުން ވަނުމަށް ހުރަސްއަޅަމުންނެވެ.

މި އެއްބަސްވުމަކީ 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ ހަރުކަށި އުސޫލުތަކެއް އެކުލެވޭނެ އެއްބަސްވުމެކެވެ. މިކަމުގެ ސަބަބުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބި، ސަރަހައްދީ ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ނެތުމާއި ސިޔާސީ ޕްރެޝަރުތަކުގެ ސަބަބުން އެއްބަސްވުމަކަށް އައުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ޑިޕްލޮމެޓުން ހާމަކުރާ ގޮތުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ފުރިހަމަ އެއްބަސްވުމަކަށް އައުމުގެ އުންމީދު އަދިވެސް އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު