ބީއެމްއެލް ގެ ޕަބްލިކް ރިލޭޝަންސް  މެނޭޖަރ މުޙައްމަދު ސަޢީދު
ބީއެމްއެލް ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު
މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ބީއެމްއެލް ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށައަޅާފައިވާ ކަމަށެވެ.

މިގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުން އޮންލައިން ޕޯރޓަލްއެއް، މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ގާއިމްކޮށްދީ، ކަސްޓަމަރުންނަށް ހުޅުވާލާފައިވާނެ ކަމަށް ސަޢީދު ވިދާޅުވި ވެއެވެ.

މިގޮތުން ފަސްކުރެވޭ ލޯނުތަކުން ފުރަތަމަ 6 މަސްދުވަހު ބޭންކަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި، މި މުއްދަތުގައި އިންޓަރެސްޓްގެ މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.

އަދި ޖެހިގެން އަންނަ 6 މަސްދުވަހު ލޯނަށް ދައްކަން ޖެހޭނީ މިހާރު ދައްކަމުންދާ އަދަދަށްވުރެ 20 އިންސައްތަ މަދުން ކަމަށާއި، ލޯނުގެ ބާކީ މުއްދަތުގައި ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މި މުއްދަތުގެ ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ލޯނު ފަސް ކުރުމަށް އެދި ހުށައަޅާއިރު ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.

ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް 6 މަސްދުވަސް އިތުރު ކުރެވިފައިވާކަން ހާމަކޮށް ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން