ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ ޕެންޓްހައުސްއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި އަމުރު ނެރުނީ އަމީން އެވެނިއުއިން ބައްސާމް ގަތް ދެ ޕެންޓްހައުސްގެ މައްސަލައިގައި، މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމުގެ ދައުވާ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު މި އަމުރުގައި ވަނީ، އެ ޕެންޓްހައުސްތަކުގެ މިލްކުވެރިކަމަށް ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއް ކުރުން ހުއްޓުވާފައެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފާތިމަތު ފަރުހީޒާ އަދި އަބްދުއްރައޫފު އިބްރާހީމް ހިމެނޭ ބެންޗުން ނެރުނު މި އަމުރުގައި ފާހަގަކޮށްފައިވަނީ، މައްސަލަ ހިނގަމުންދަނިކޮށް އެ ތަންތަނުގެ މިލްކުވެރިކަމަށް ބަދަލެއް އަތުވެއްޖެނަމަ، ދައުލަތުން އެދިފައިވާ ގާނޫނީ ފަރުވާ ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، ދަށު ކޯޓުން މީގެ ކުރިން ނިންމާފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނަމުންދަނީ ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ މުހިންމު ހެކިތަކަކަށް ރިއާޔަތްނުކޮށް، ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. ޚާއްސަކޮށް ގިނަ އަދަދެއްގެ ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމި ނިންމުން ދައުލަތުން ފާހަގަކުރެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ކުރިން ވިދާޅުވެފައިވަނީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު މާރުކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރިކަން އެނގެން އޮތް ކަމަށެވެ. އަދި އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ ހަވާލުކުރިކަން ސާބިތުވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ފައިސާ ބޭނުންކުރީ ސީދާ އެޕާޓްމެންޓް ގަންނަން ކަން ސާބިތުވާނެ އެކަށީގެންވާ ލިޔެކިޔުމެއް ނެތް ކަމަށް ދަށު ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނަށް ދައުވާ ސާބިތުނުވި ނަމަވެސް، މި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހަތަރު ކުށެއް ސާބިތުވެ، ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ދަނީ ތަންފީޒު ކުރަމުންނެވެ.

ހައިކޯޓުގެ މި އަމުރާއެކު، އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ދެ ޕެންޓްހައުސްގެ އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުވަތަ މިލްކުވެރިކަން ބަދަލުކުރުމުގެ އެއްވެސް އަމަލެއް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު