އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ އެއްވެސް އިރެއްގައި މަގާމަކަށް ދަހިވެތިވެގެން ނޫން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެއެވެ.

ސަލީމް ވިދާޅުވީ އެ މަގާމު ގަބޫލުކުރެއްވީ ހަމައެކަނި ގައުމީ މަސްލަހަތަށާއި ޕާޓީގެ ކުރިއެރުމަށްޓަކައި ކަމަށާއި، ދިގު މުއްދަތެއް ސިޔާސީ ދާއިރާގައި ހޭދަކުރެއްވި، އުމުރުން ދުވަސްވެފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން އެ ފުރުސަތު ހިފެހެއްޓެވީ ގައުމީ ހިދުމަތަށް އިސްކަން ދެއްވައިގެން ކަމަށެވެ.

މީގެއިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ހުރެ ކަމަށާއި، އެއީ އާ ބޭފުޅުންނަށް ފުރުސަތު ދިނުމުގެ މާތް މަގުސަދުގައި އިހުލާސްތެރިކަމާއެކު އެޅުއްވި ފިޔަވަޅެއް ކަމަށް ސަލީމް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، އެކަމުގެ ހަގީގަތް މިހާރު ރައްޔިތުންނަށް ސާފުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމްގެ އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާއަކީ އަދިވެސް ހިތްތިރި، ސާދާ ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމަށެވެ. އެގޮތުން، މަޖިލީހުން ކާރު ފޮނުވުމުންވެސް އެ ކާރަށް އަރަން ބޭނުންފުޅު ނުވި ކަމަށާއި، އާންމު ރައްޔިތުންގެ ސައިކަލު ފަހަތުގައި ދަތުރުކުރުމާއި، އިތުރު ސެކިއުރިޓީއަކާ ނުލައި އުޅުއްވުމަށް އިސްކަންދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށެވެ. މިހާރު އެ އަދަދު 150 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ސަރުކާރުން ނެގި ދަރަންޏަކީ 24 ބިލިއަން ރުފިޔާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދިމާލަށް ރައްދުކުރާ 60 ބިލިއަން ރުފިޔާގެ ދަރަނީގެ ވާހަކައަކީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ސަލީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު