ޓްރަމްޕް އާއި އުރުދުއާން
ޓްރަމްޕް އާއި އުރުދުއާން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން، އިޒްރޭލާއި އަންކާރާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވަމުންދާ ކަމަށް ތުރުކީގެ ކަންކަމާ ބެހޭ މާހިރެއް ކަމަށްވާ ޑރ. ގަލިއާ ލިންޑެންސްޓްރައުސް "ދަ ޖެރޫސަލަމް ޕޯސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެއްޖެއެވެ.

ލިންޑެންސްޓްރައުސް މިހެން ވިދާޅުވެފައިވަނީ، ގުދުސްއަކީ އަނެއްކާވެސް ތުރުކީގެ ބާރުގެ ދަށުގައި އޮންނާނެ ތަނަކަށް ވުމަށް އުންމީދު ކުރައްވާ ކަމަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ސިފްތީ ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ސިފްތީ ވިދާޅުވީ އުރުދުޣާން ފަދަ ދުނިޔޭގެ ފެންވަރުގެ ލީޑަރަކު ހުންނެވުމަކީ އެ ސަރަހައްދުތައް އަލުން ތުރުކީގެ ބާރުގެ ދަށަށް ގެނައުމަށް އޮތް ފުރުސަތެއް ކަމަށެވެ.

އުސްމާނީ ހިލާފަތުން 400 އަހަރަށް ވުރެ ގިނަ ދުވަހު އެ ސަރަހައްދުގައި ވެރިކަން ކުރި ނަމަވެސް، ފުރަތަމަ ބޮޑު ހަނގުރާމައިގައި ބަލިވުމާ ގުޅިގެން 1918 ވަނަ އަހަރު އެ ސަރަހައްދުގެ މައްޗަށް އޮތް ބާރު ތުރުކީއަށް ވަނީ ގެއްލިފައެވެ.

އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކަށްފަހު، ރައީސް އުރުދުޣާން ގެންދަވަނީ އިޒްރޭލުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވަމުންނެވެ. ތުރުކީއަކީ އިޒްރޭލު ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މުސްލިމް ގައުމު ކަމުގައި ވީ ނަމަވެސް، މިހާރުގެ ހާލަތާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ އިންތިހާއަށް ގޯސްވެފައެވެ.

ލިންޑެންސްޓްރައުސް ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ފެހިވުމަށް ތުރުކީން ކުރާ މަސައްކަތުގައި ފަލަސްތީނުގެ މައްސަލައަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އަދި ތުރުކީން ހަމާސްއަށް ސިޔާސީ ގޮތުން ދޭ އެހީތެރިކަމަކީ އިޒްރޭލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، ހަމާސްގެ ލީޑަރުން ގަތަރުން ފޮނުވާލައިފި ނަމަ، އެމީހުން ދެން ބަދަލުވާނީ ތުރުކީއަށް ކަމުގެ އަޑުތައް ފެތުރިފައިވުމުން، އެ ސަރަހައްދުގައި ތުރުކީގެ ނުފޫޒު ގަދަވަމުންދާކަން ހާމަވެއެވެ.

ނަމަވެސް، ތުރުކީއަކީ ނޭޓޯގެ މެންބަރަކަށް ވެފައި، ޓްރަމްޕާ އޮތް ގުޅުމުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވިޔަ ނުދިނުމަށްޓަކައި ބައެއް ކަންކަމުގައި މަޑުޖެހިލަން ތުރުކީއަށް މަޖުބޫރުވެއެވެ. ހާއްސަކޮށް ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް ތުރުކީން ބޭނުންވާއިރު، އެމެރިކާގެ އެހީތެރިކަމަކީ އެ ގައުމަށް ނުހަނު މުހިންމު އެއްޗެކެވެ.

މާހިރުންގެ ނަޒަރުގައި، ތުރުކީން ބޭނުންވަނީ އީރާނާއި އިޒްރޭލުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އަސްކަރީ ގޮތުން ނުވަދެ، ޑިޕްލޮމެޓިކް ދާއިރާއިން މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށެވެ. މީގެ ސަބަބަކީ އެ ސަރަހައްދުގައި އުފެދޭ ހަނގުރާމައެއްގެ ސަބަބުން ތުރުކީގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީއެވެ.



ކިޔުންތެރިންގެ ހިޔާލު