ދުނިޔޭގެ ރީތިކަމުގެ ސިނާޢަތުގައި މިހާރު އެންމެ މަޤްބޫލު އެއް ބާވަތަކީ ކޮލަޖަންއެވެ. ކޮލަޖަން އެކުލެވޭ އުފެއްދުންތަކާއި، މި ޕްރޮޓީން ހަށިގަނޑުގައި އިތުރުކޮށްދޭ ކާނާ ބޭނުންކުރުމަށް ގިނަ ބަޔަކު މިހާރު ޚާއްޞަ ސަމާލުކަމެއް ދެއެވެ. ދާދިފަހުން ކުރެވުނު ފުޅާ ދިރާސާއަކުން ދައްކާގޮތުގައި، ކޮލަޖަން ސަޕްލިމެންޓް ބޭނުންކުރުމުން ހީކުރިވަރަށްވުރެ ގިނަ ފައިދާތަކެއް ސިއްޙަތަށް ލިބިގެންދެއެވެ.

ކޮލަޖަންއަކީ އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނައިން އެކުލެވޭ ޕްރޮޓީނެވެ. މިއީ ހަށިގަނޑުގައި ހުންނަ ޖުމްލަ ޕްރޮޓީންގެ ގާތްގަނޑަކަށް 30 އިންސައްތައެވެ. ހަމުގެ އިތުރުން ކަށި، މަސްގަނޑު، ލިގަމެންޓްސް އަދި ލޭހޮޅިތަކުގެ އޮނިގަނޑު ވަރުގަދަކޮށްދޭ މައިގަނޑު ބަޔަކީ މިއީއެވެ. "ކޮލަޖަން" މި ނަން އައިސްފައިވަނީ ގްރީކް ބަހެއް ކަމަށްވާ "ކޮލާ" އިންނެވެ. މީގެ މާނައަކީ "ތެރަސް" އެވެ. ސަބަބަކީ މިއީ ހަށިގަނޑުގެ ގުނަވަންތައް އެކަތި އަނެކައްޗާ ގުޅުވައިދޭ މާއްދާއަކަށް ވުމެވެ. ނަމަވެސް އުމުރުން ދުވަސްވުމާއި، އަވީގެ ސަބަބުންނާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ކޮލަޖަން އުފައްދާ މިންވަރު ދަށްވެއެވެ.

'އެސްތެޓިކް ސާޖަރީ ޖާނަލް އޯޕަން ފޯރަމް' ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ މިހާތަނަށް މި ދާއިރާއިން ކުރެވުނު އެންމެ ފުޅާ އެއް ދިރާސާއެވެ. މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 8,000 އެއްހާ މީހުން ބައިވެރިކޮށް، 113 ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރަޔަލްތައް ބަލާފައިވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ކޮލަޖަން ބޭނުންކުރުމުން ހަންގަނޑު ކުރަކިވުން ކުޑަކޮށްދީ، ހަމުގެ އިލާސްޓިސިޓީ ނުވަތަ ދެމުމުގެ ބާރު އިތުރުކޮށްދީ، ރޫޖެހުން މަދުކޮށްދެއެވެ. މީގެ އިތުރުން ހުޅުތަކުގެ ބަލި ތަހައްމަލު ކުރާ މީހުންގެ ތަދު ކުޑަކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ލިބޭކަން ވަނީ ފާހަގަކުރެވިފައެވެ.

އެންގްލިއާ ރަސްކިން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލީ ސްމިތު ވިދާޅުވި ގޮތުގައި، ކޮލަޖަންއަކީ ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް ނޫން ނަމަވެސް، ގަވާއިދުން ބޭނުންކުރުމުން ހަމުގެ ދިރުމަށާއި ހުޅުތަކުގެ ދުޅަހެޔޮކަމަށް މީގެން ބޮޑު ފައިދާއެއް ކުރެއެވެ. ޑޮކްޓަރ ރޯޝަން ރަވިންދުރަން ފާހަގަކުރެއްވި ގޮތުގައި، މި ސަޕްލިމެންޓުގެ ސަބަބުން ކަށިތަކާއި ނިޔަފަތި އަދި އިސްތަށިގަނޑު ވަރުގަދަވުމުގެ އިތުރުން، މަސްގަނޑުގެ ބާރުވެސް ކޮންމެވެސް މިންވަރަކަށް އިތުރުވެއެވެ.

ނަމަވެސް، ކޮލަޖަންއަކީ ކަސްރަތު ކުރާ މީހުންނާއި އެތުލީޓުންގެ ހަށިގަނޑު ވަގުތުން ރިކަވަރ ކޮށްދޭ އެއްޗެއްކަން ސާބިތުވާނެ ވަރުގަދަ ހެކިތަކެއް މި ދިރާސާއަކުން ނުފެނެއެވެ. އަދި ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު ނުވަތަ ހަކުރު ބައްޔަށް މީގެން ކުރާ ފައިދާއާ މެދުވެސް ސާފު ނަތީޖާއެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮލަޖަން ބޭނުންކުރަން ފަށާތާ ގާތްގަނޑަކަށް 2 ނުވަތަ 3

މަސް ތެރޭގައި އޭގެ ނަތީޖާ ފެންނަން ފަށާނެއެވެ. މިއީ ބޭނުންކުރަން ރައްކާތެރި އެއްޗެއް ކަމުގައި ވިޔަސް، ކޮންމެ މީހަކަށް މީގެން ކުރާ ފައިދާ ތަފާތުވެދާނެ ކަމަށް މާހިރުން އިރުޝާދު ދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ދާއިރާއިން އަދިވެސް އިތުރު ދިރާސާތައް ބޭނުންވެއެވެ.



ކިޔުންތެރިންގެ ހިޔާލު