އެޕްސްޓައިން އާއި އޭނާގެ އެސިސްޓަންޓް ލެސްލީ ގްރޮފް
އެޕްސްޓައިން އާއި އޭނާގެ އެސިސްޓަންޓް ލެސްލީ ގްރޮފް
ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ގާތް އެސިސްޓެންޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ލެސްލީ ގްރޮފް، އެމެރިކާގެ ހައުސް އޯވަސައިޓް އެންޑް ރިފޯމް ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވެ އެޕްސްޓީން އާދެކޮޅަށް ހެކިބަސް ދީފިއެވެ. މިއީ އެޕްސްޓީންގެ ނެޓްވޯކާއި އޭނާއާ ގުޅުންހުރި މީހުންނާއި އޭނާގެ ހަރަކާތްތައް ދެނެގަތުމަށް ގާނޫނު ހަދާ މަޖިލީހުން ކުރިއަށްގެންދާ ތަހުގީގުގެ ތެރެއިން ކުރެވުނު ކަމެކެވެ.

ގްރޮފް ވަނީ 2001 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރުގެ ޖުލައި މަހު އެޕްސްޓީން ހައްޔަރުކުރެވެންދެން، ގާތްގަނޑަކަށް ވިހި އަހަރު ވަންދެން އޭނާގެ އެންމެ ގާތް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ދެ ޕާޓީގެ މެންބަރުންވެސް ގަބޫލުކުރާ ގޮތުގައި، އެޕްސްޓީން އޭނާގެ ކަންކަން ބެލެހެއްޓި ގޮތާއި އޭނާ މީސް މީހުންނާ ކޮށްފައިހުރި ބައްދަލުވުންތަކާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ގްރޮފްގެ އަތުން ލިބިދާނެއެވެ.

ކޮމިޓީގެ އިސް މެންބަރެއް ކަމަށްވާ ރޮބާޓް ގާސިއާ ވިދާޅުވީ، ގްރޮފް އަކީ އެޕްސްޓީންގެ ޖަމާއަތުގެ މައިގަނޑު އެއް ހިއްސާދާރު، އޭނާ މަސައްކަތްކުރި އަހަރުތަކުގައި ފެނިފައިވާ ކަންކަން އޮޅުންފިލުވުމަކީ ކޮމިޓީގެ ބޭނުމެއް ކަމަށެވެ.

އެފް.ބީ.އައި އިން 2021 ވަނަ އަހަރު ގްރޮފްއާ ކުރި އިންޓަވިއުއެއްގެ ނޯޓްތަކުން އެނގޭ ގޮތުގައި، އޭނާއަށް މި ވަޒީފާ ލިބުނީ "މީހެއްގެ ދިރިއުޅުން އިންތިޒާމުކޮށްދޭނެ" މީހަކު ހޯދަން އިއުލާންކުރި އެޖެންސީއެއް މެދުވެރިކޮށެވެ. އޭނާ އެ ވަޒީފާއަށް ކުރިމަތިލިއިރު އެޕްސްޓީންއަކީ ކާކުކަން ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ. ގްރޮފްގެ އިންޓަވިއުތައް ކުރިއަށްގެންދިޔައީ އެޕްސްޓީންގެ އިތުރުން، މިހާރު 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގިސްލެއިން މެކްސްވެލްއެވެ.

ގްރޮފް ބުނި ގޮތުގައި އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެޕްސްޓީންގެ ބައްދަލުވުންތައް ރޭވުމާއި، ގޭގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމެވެ. އަދި އެޕްސްޓީންގެ ތާވަލުގައި ގަވާއިދުން މަސާޖުކުރުމުގެ ބައްދަލުވުންތައް އޮންނަ ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެއީ ހަމައެކަނި އިދާރީ މަސައްކަތެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

މެންބަރު ޔާސަމީން އަންސާރީ ފާހަގަކުރެއްވި ގޮތުގައި، ގްރޮފް އަކީ އެޕްސްޓީންގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ހުރިހާ ކަމެއް ބެލެހެއްޓި މީހެކެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އޭނާއަށް އެނގިފައިވާ ކަންކަމުގެ ފުރިހަމަ ތަފްސީލު ހޯދަން މަޖިލީހުން ބޭނުންވެއެވެ.

ގްރޮފްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ، 2007 ވަނަ އަހަރު އެޕްސްޓީންއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ދައުވާ ނުކުރުމުގެ އިމްތިޔާޒު ލިބުނު ހަތަރު އަންހެނުންގެ ތެރޭގައި އޭނާ ހިމެނޭތީއެވެ. ނަމަވެސް، މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނުވާއިރު، އެޕްސްޓީންގެ ޖިނާއީ އަމަލުތަކުގައި ބައިވެރިވިކަމަށް ނުވަތަ އެކަން އެނގޭ ކަމަށް އޭނާ އިންކާރު ކުރެއެވެ.

ގްރޮފްގެ ވަކީލު މައިކަލް ބެކްނާ ވިދާޅުވީ، އެޕްސްޓީން އޭނާގެ މުވައްޒަފުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ. 2019 ވަނަ އަހަރުގެ ރިޕޯޓެއްގައި ގްރޮފްގެ ނަން އޮތް ނަމަވެސް، ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، އެޕްސްޓީންގެ ޝިކާރައަކަށްވި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ގްރޮފްއަށް މިކަންކަން އެނގޭނެއެވެ. މީގެ އިތުރުން، ބައެއް މަދަނީ ދައުވާތަކުގައިވެސް ގްރޮފްގެ ނަން ހިމެނުނު ނަމަވެސް، ފަހުން އެ މައްސަލަތައް ވަނީ ބޭރުކޮށްލާފައެވެ.

ކޮމިޓީގެ މުގައްރިރު ޖޭމްސް ކޯމަރ ވިދާޅުވީ، ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ގްރޮފްގެ އަތުގައި މުހިންމު މައުލޫމާތުތަކެއް ހުރެދާނެއެވެ. ގްރޮފްގެ ކުރިން އެޕްސްޓީންގެ އެހެން އެސިސްޓެންޓެއް ކަމަށްވާ ސާރާ ކެލެންވެސް ވަނީ ކޮމިޓީގައި ހެކިބަސް ދީފައެވެ.

ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ކުރަމުންދަނީ ގްރޮފްގެ ހެކިބަހުގެ އެހީގައި އެޕްސްޓީންގެ ނެޓްވޯކް ފެތުރިފައިވާ މިންވަރާއި، އޭނާއާ އެންމެ ގާތުން މަސައްކަތްކުރި މީހުންނަށް މި ކަންކަން އެނގިފައިވާ މިންވަރު ދެނެގަތުމަށެވެ.



ކިޔުންތެރިންގެ ހިޔާލު