ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.

ދަޢުލަތުން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޝަމްޢާން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ އޭނާ ފްރޭމް ކުރުމަށްފު އުފުލާފައިވާ ދަޢުވާތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ހަވީރު 16:00 ގައި އޮތް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި އެ ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެއީ މީގެކުރިން ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ނިންމާފައިވާތީއެވެ.

އެގޮތުން ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ދައުލަތުން އެދުނީ އެ އަދަބު އަށް އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެވެ. ދައުލަތުން އެދުނީ އެ ދައުވާއަށް ދެ އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާށެވެ.

މަނީ ލޯންޑްރިންގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދަށް ޖަލަށްލުމާއި ޖޫރިމަނާކުރުމެވެ. ދައުލަތުން އެދުނީ ޝަމްއާންއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ޝަމްއާންގެ ގެއިން ފެނުނު 125،000 ރުފިޔާ އާއި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ނަމަވެސް ޝަމްއާންގެ ފަރާތުން އެދުނީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ އަދަބަށް ނުވަތަ ގޭބަންދު އަދަބަށް ކަނޑައަޅައިދިނުމަށް ވެސް އޭނާގެ ފަރާތުން އެދުނެވެ. ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާތީ، މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

ޝައްމާން ވަނީ އިމިގްރޭޝަނުގައި 14 ވަރަކަށް އަހަރު މަސައްކަތްކުރަށްވާފައެވެ. އޭނާ އިމިގްރޭޝަން ކޮންޓްރޯލަރ ކަމަށް އައްޔަންކުރީ 2023 ނޮވެމްބަރު 19 ގައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗު 21 ގައެވެ.

ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު ފަރާތްތަކެއްގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު