ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު
މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ މިވަގުތު ގައުމުގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަމްޢާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބާއްވާ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަމްޢާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން އުފައްދާފައިވާ ދޮގު އިލްޒާމްތަކެއް ކަމަށެވެ.

ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް ގުޅުއްވައި، އެކަން ބަދަލުނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި ކަމަށްވެސް ޝަމްޢާން ތުހުމަތު ކުރެއްވިއެވެ.

"ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އިސްވެ ތިއްބަވައިގެން ހިންގާ ބޮޑު ޖަރީމާއެއް. މިކަމުގެ ހެކި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އަޅުގަނޑުގެ ފޯނުގައި ހުންނާނެ." ޝަމްޢާން ވިދާޅުވިއެވެ.

މީގެ އިތުރުން، ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހިނގާ ކޮރަޕްޝަންގެ މައުލޫމާތު 16 ޖެނުއަރީ 2025 ގައި ރައީސް މުޢިއްޒާ ހިއްސާކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަމްޢާން ތުހުމަތު ކުރެއްވީ ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އަދި ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު ވަޒީރު ނަންގަވަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ހެކި ހުށަހެޅުމުން ވެސް ރައީސް ދެއްވީ ބީރު ކަންފަތެއް ކަމަށާއި، ވަޒީރު އެފަދަ ކަމެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝަމްޢާން ބުންޏެވެ.



މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްޢާންގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ ފޭރުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ދައުވާއެވެ.

މި މައްސަލައިގައި ޝަމްޢާން ވަނީ 278 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗު 21 ގައެވެ. "ކިތަންމެ ވަރަކަށް ތެޅިޔަސް މި މީހާ އިރާދަކުރެއްވިއްޔާ ބައްޔެއް ނުކުރެވޭނެ. ޖަލުން ނުކުމެގެން އަންނާނީ މާ ވަރުގަދަކޮށް." ސާބިތުކަމާއެކު ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު ފަރާތްތަކެއްގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު