މިއަދު ފަތްކޮޅު ޙަވާލުކުރެއްވި 3 ސަފީރުން
މިއަދު ފަތްކޮޅު ޙަވާލުކުރެއްވި 3 ސަފީރުން
ތިން ޤައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ވަކިވަކި ރަސްމިއްޔާތުތަކެއްގައި ފަތްކޮޅު އަރުވާފައިވަނީ ފިލިޕީންސް، ފަރަންސޭސިވިލާތް އަދި ނެދަލޭންޑްސްގެ އައު ސަފީރުންނެވެ.

އެގޮތުން ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ގައުމީ ދިފާއީ ބާރުގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ހަމައެއާއެކު ފަރަންސޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ރެމީ ލޮބޭޚް ވެސް ވަނީ މިއަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވާފައެވެ. މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި ހަތްކޮޅުގައެވެ.

މީގެ އިތުރުން، ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވެއިބެ ޖޭކޮބް ޑި ބޮއާ ވެސް ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވާފައެވެ. ނެދަލޭންޑްސްގެ ސަފީރު ވެސް ރައީސް އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހެވިކަމުގެ ލަޝްކަރާއެކު ރަސްމީ އިއްޒަތުގައެވެ.

މި ތިން ގައުމުގެ އައު ސަފީރުން ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އައު ސަފީރުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު