ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދޫކޮށް އެއްވެސް މެންބަރަކު އިދިކޮޅު އެމްޑީޕީއާ ގުޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ އަދި މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ސަރުކާރެއް ކަމަށެވެ.

މިފަދަ ފަހި ދަނޑިވަޅެއްގައި ސަރުކާރު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، "މަސް ދިރިއުޅެނީ ފެން އޮތްތާކު" ކަމަށާއި، މި ވަގުތު އިދިކޮޅު އެމްޑީޕީގައި އެ ފުރުސަތު ނެތް ކަމަށެވެ.

ބުއްދި ސަލާމަތުން ހުރި އެއްވެސް މެންބަރަކު މި ސަރުކާރު ދޫކޮށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ދެއްވަމުން ޝަރީފް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި، މިފަދަ ވާހަކަތައް ފަތުރަނީ އެ ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާއި ބައިބައިވުންތައް ފޮރުވުމަށާއި ސިޔާސީ ފިތުނަ އުފެއްދުމުގެ ބޭނުމުގަ އެވެ.

އޭނާ ވަނީ ސަރުކާރާ އެކު ސާބިތުވެ ތިއްބަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު