އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކާއި އަމިއްލަ ހައްގުތަކަށް ވަކާލާތުކުރާ ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމަކީ، މި ސަރުކާރަށް އޮތް ތާއީދު އިތުރުވާނެ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް މިފަދައިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނުގައި ހަރަކާތްތެރިވި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ. ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ޑިމޮކްރެސީގެ އުސޫލުތައް ގަބޫލުކުރާ ސަރުކާރެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކަކީ އިންތިހާބަކުން ބަލިވުމުން ބަދަލުހިފުމުގެ ގޮތުން ކުރާ ކަންކަން ކަމަށެވެ.

"ޑިމޮކްރެސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ ވެމްކޯ އާއި ސްޓެލްކޯގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ފޮނުވި ޗިޓުތައް ވެސް ހިއްސާކުރައްވާފައެވެ. ވެމްކޯއިން ވަކިކުރި މުވައްޒަފުންގެ ޗިޓުގައި، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީ ބުނެފައިވަނީ އެ މުވައްޒަފުންގެ އަހުލާގީ މައްސަލަތަކެއް ހުރި ކަމަށެވެ. ނަމަވެސް، ސްޓެލްކޯގެ މުވައްޒަފަކު ވަކިކޮށްފައިވަނީ ކުންފުނީގެ ހަރަދު ކުޑަކޮށް އޮނިގަނޑަށް ގެންނަ ބަދަލެއްގެ ދަށުން ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ފައްޔާޒް އިތުރަށް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް، އާއިލާތައް ނިކަމެތިކޮށްގެން ސަރުކާރަށް ތާއީދު ނުހޯދޭނެ ކަމަށެވެ. އަދި ބޭއިންސާފާ ދެކޮޅަށް ފަސްނުޖެހި މަސައްކަތްކޮށް، މި ސަރުކާރު ބަލިކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު