އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި، އިރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޒާރު ދީފިއެވެ.

ޓްރަމްޕް ވިދާޅުވީ، މި ހަމަލާތައް ނުހުއްޓައިފިނަމަ، ވަރަށް އަވަހަށް އިޒްރޭލު "އެކަނިވެދާނެ" ކަމުގެ އިންޒާރު ނަތަންޔާހޫއަށް ދެއްވާފައިވާނެ ކަމަށެވެ.

އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިޔައީ މިދިޔަ އޭޕްރީލް މަހަށްފަހު އިރާނަށް ދޭނެ އެންމެ ވަރުގަދަ ހަމަލާތައް ދިނުމަށް ތައްޔާރުވަމުންނެވެ. މިގޮތުން ހޯމަ ދުވަހު އިރާނުގެ ނާޒުކު އެތައް ތަނަކަށް ހަމަލާދިނުމަށް ރޭވިފައި އޮތް ނަމަވެސް، ޓްރަމްޕް ނަތަންޔާހޫއަށް ގުޅުއްވައި އެކަން ހުއްޓުވީއެވެ. "އަހަރެން ބުނިން، ބިބީ، ތިޔަކަމާ ސަމާލުވާން، ނޫނީ ވަރަށް އަވަހަށް ތިމަސައްކަތުގައި އެކަނިވާން ޖެހިދާނެއޭ،" ޓްރަމްޕް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މި ފޯނު ކޯލުގައި ދެ ބޭފުޅުންގެ މެދުގައި ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އިރާނުން އިތުރު ހަމަލާއެއް ނުދޭނަމަ އިޒްރޭލުން ހަމަލާތައް މަޑުޖައްސާލުމަށް ނަތަންޔާހޫ އެއްބަސްވި ކަމަށް އިޒްރޭލުގެ މަސްދަރުތަކުން ބުނެއެވެ. މި ކޯލަށްފަހު، އިރާނަށް ދިނުމަށް ރޭވިފައި ހުރި ހަމަލާތައް ކެންސަލް ކުރުމަށް ނަތަންޔާހޫ އޭނާގެ އަސްކަރީ ކޮމާންޑަރުންނަށް ވަނީ އަމުރުކުރައްވާފައެވެ.

ހޯމަ ދުވަހު ދެ ގައުމުންވެސް ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އިއުލާނުކޮށްފައެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި "އެ ފްރަންޓުގައި އޮތް ހުޅުގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ."

ލުބުނާންގެ ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އާދީއްތަ ދުވަހު އިރާނުން ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. ޓްރަމްޕްގެ އެދިވަޑައިގަތުމާ ޚިލާފަށް އިޒްރޭލުންވެސް ވަނީ ރައްދުގައި ހަމަލާދީފައެވެ. ނަމަވެސް އިރާނުން އިތުރު މިސައިލް ހަމަލާތަކެއް ދިނުމަށްފަހު، މިހާރު ވަނީ ހަމަލާދިނުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ.

އިރާނުން ވަނީ އެގައުމުން ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުން، ލުބުނާނުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅުވާފައެވެ. އިރާނުން އިންޒާރު ދީފައިވަނީ ލުބުނާނަށް އިޒްރޭލުން ހަމަލާދޭނަމަ އަނެއްކާވެސް ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ، ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

އެކްސިއޯސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި ހާދިސާތަކުން ދޭހަވަނީ އެމެރިކާއާއި އިޒްރޭލުގެ ސްޓްރެޓީޖިކް މަސްލަހަތުތައް ދުވަހެއް ދުވަހަކަށް ދުރަށްދާ ކަމެވެ. ވަކިން ޚާއްސަކޮށް ޓްރަމްޕާއި ނަތަންޔާހޫގެ ސިޔާސީ މަސްލަހަތު މިހާރު ހުރީ ދެކޮޅަށެވެ. "ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލަށްޓަކައި ހަނގުރާމަ ކުރިއަށް ގެންދިއުން މުހިންމު ނަމަވެސް، ޓްރަމްޕް ބޭނުންފުޅުވަނީ އޭނާގެ ސިޔާސީ މަސްލަހަތަށްޓަކައި މި ހަނގުރާމަ ނިންމާލުމަށެވެ،" އެމެރިކާގެ އޮފިޝަލަކު ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު