މެމްބަރު އަހުމަދު ޝަމްހީދު-
މެމްބަރު އަހުމަދު ޝަމްހީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްނަގައިގެން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު" ތަކަކީ ދައުލަތަށް ބޮޑު ބުރައަކަށް ވާނެ ކަންކަން ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވަނީ، ނިޒާމީ ބަދަލަކަށް އަމާޒުކޮށް ނަޝީދާއި ފައްޔާޒް ހުށަހަޅުއްވާފައިވާ މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޭކާރު ޚަރަދުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އޭނާ ސުވާލު އުފެއްދެވީ އެ ބޭފުޅުން ބުނާ "ބޮޑު ބަދަލު" ގައި ހަގީގަތުގައި އޮތީ ކޯޗެއްތޯއެވެ.

ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތަކުގެ ދަށުން ފަނޑިޔާރަކު ނުވަތަ މިނިވަން މުއައްސަސާއެއްގެ ވެރިއަކު ވަކިކުރަން ބޭނުންވާ ކޮންމެ ފަހަރަކު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭއިރު، އެއިން ކޮންމެ ފަހަރަކު ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މިއީ ދައުލަތުގެ މާލިއްޔަތަށް ނުކަތާވަރުގެ ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގެކޮޅަށް 400 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އަލަށް އުފައްދާ ބޮޑުވަޒީރުގެ އޮފީހާއި ގެކޮޅަށް ވެސް އިތުރު 400 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ރާއްޖޭގެ އެންމެ ފައިދާބޮޑު ކުންފުނިތައް ވިއްކާލުމަކީ ވެސް މި ހުށަހެޅުމުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު