ސްޓޭޓް ފާމާގެ އެމްޑީ-
ސްޓޭޓް ފާމާގެ އެމްޑީ-
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރަމުން އައި ނަމަވެސް، ބޭސް ލިބުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ދާއިރާއާ އެއްވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްގީވެފައި ނެތުން ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝާހް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވަމުންދާ ތަންތަން ކަމަށް ވީނަމަވެސް، އެތަންތަން ހިންގުމަށް ބޭނުންވާ ލޮޖިސްޓިކްސް ނިޒާމު އޮތީ މާ ފަހަތުގައި ކަމަށެވެ. މިއީ ބޭސް ސިޓީތަކަށް ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުގެ މައިގަނޑު ސަބަބުކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ 'ސްޓޭޓް ފާމާ' ގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. މި ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކުންފުނިން ވަނީ ބޭސް އެތެރެކޮށް، އާންމުންގެ ބޭސް ސިޓީތަކަށް ޚިދުމަތް ދޭން ފަށާފައެވެ. ޑރ. ޝާހް ހާމަކުރެއްވި ގޮތުގައި މިހާތަނަށް 1,000 އަށްވުރެ ގިނަ ބޭސް ސިޓީއަށް އެ ކުންފުނިން ވަނީ ބޭސް ފޯރުކޮށްދީފައެވެ.

ބޭސް އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހް ވިދާޅުވީ، ވަކި ފިނިހޫނުމިނެއްގައި ރައްކާކުރަންޖެހޭ ބޭސްތައް ގެނައުމާއި، ބައިނަލްއަގްވާމީ ބާޒާރުން ޚާއްސަ ބޭސްތައް ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ އިތުރުން، އެކި އިދާރާތަކުގައި ބޭހުގެ ކޯޑުތައް އެއްގޮތް ނުވުމާއި، ބްރޭންޑްތައް ގިނަވުމުން ދިމާވާ އިދާރީ މައްސަލަތައް ހައްލުކުރުމަށް އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ދާއިމީ ހައްލަކީ ރާއްޖޭގައި ބޭނުންކުރާ ހުރިހާ ބޭހެއްވެސް މެދުނުކެނޑި ސްޓޮކްކޮށްފައި ބެހެއްޓުން. އެއީ ދުރުރާސްތާ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކީ،" ޑރ. ޝާހް ވިދާޅުވިއެވެ.

ކުންފުނިން ހެދި ދިރާސާތަކުން އެނގުނު ގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭސްތަކުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައި ވަނީ އެންމެ 25 އިންސައްތަ ބޭހެވެ. މި ފަރަގު ކުޑަކޮށް، ބޭހުގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭސް ނުލިބިގެން އާންމުން ކުރާ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. ޑރ. ޝާހް ވެސް ވަނީ މި ނިޒާމަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ފޮނި ނަތީޖާ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު