ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ އާދީއްތަ ދުވަހަށް ހަމަވާނެއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާ އަދި ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި އެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ތަޢާރަފްކޮށްފައިވާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހުޅުވާލާ މި ފަންޑަށް މިއަހަރު ހުޅުވާލާފައިވަނީ ނިމިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މި ފަންޑަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ. މި އެހީގެ ދަށުން ހިންގާ މަޝްރޫޢުތައް ބިނާވާންޖެހެނީ ތަޢުލީމީ ދާއިރާ، ތިމާވެށި ހިމާޔަތްކުރުން، ކުޅިވަރުގެ ދާއިރާ ނުވަތަ މުޖުތަމަޢަށް ފައިދާހުރި އެހެނިހެން ދާއިރާތަކުގެ މައްޗަށެވެ.

މި ފަންޑާ ގުޅޭ އިތުރު ތަފްސީލާއި، އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބޭންކް ފަންޑަކީ މުޖުތަމަޢުގެ ކުރިއެރުމަށާއި، ރަށްރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ގާއިމުކުރުމަށް ޖަމިއްޔާތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު