ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި، ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ކަނޑުގެ ވަސީލަތްތަކުން ފުރިހަމަ މަންފާ ހޯދޭނެ އީޖާދީ ގޮތްތަކަކަށް ވިސްނުން ބަހައްޓަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖެއްގައި މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް 2024 ވަނަ އަހަރަކީ މުޅި އިންޑިއާ ކަނޑުގައިވެސް ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި އަހަރެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު ހޫނުވުމާ ގުޅިގެން މަސްތައް ކަނޑުގެ ފުން ހިސާބުތަކަށާއި ދުރު ސަރަހައްދުތަކަށް ހިޖުރަކުރުމެވެ. މީގެ ސަބަބުން ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުކޮށް، މަސްވެރިކަމުގެ މޫސުން ދިގުލައިގެން ދިއުމަކީ މުޅި ސިނާއަތަށް ލިބޭ ބޮޑު ގެއްލުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ކަނޑުތަކާ ގުޅޭ ދިރާސާތައް އިތުރުކޮށް، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ދެނެގަނެ އިޤުތިޞާދު ސިންދަފާތުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވަނީ ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށާއި، އެކުއަކަލްޗަރ ނުވަތަ މޫދު ދަނޑުވެރިކަން ފުޅާކުރުމަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ފާއިތުވި އަހަރު ރާއްޖެއަށް ތައާރަފްކުރި ސީވީޑް އެކުއަކަލްޗަރގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާލާފައެވެ. މީގެ އިތުރުން، މި ސިނާއަތަށް އޮތް އިތުބާރު ބޮޑުވެ، އިތުރު ދެ ކުންފުންޏަކުން މިހާރު ވަނީ އިންވެސްޓްކޮށް މަސައްކަތް ފަށާފައެވެ.

ކަނޑުގެ ނަފާ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ (އެފް.އޭ.އޯ) ގެ ފަންނީ އެހީތެރިކަމާއެކު ސީވީޑުން ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގެ އައު މަޝްރޫއަކަށް މިހާރު ހުއްދަ ލިބިފައި ވާކަމަށެވެ. މީގެ ސަބަބުން ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އާމްދަނީ ހޯދޭނެ އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރު މަޝްރޫއެއް ފެށުމަށްވެސް މިހާރު މަޝްވަރާ ކުރެވެމުންދާކަން މިނިސްޓަރު ޝިޔާމް ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު