އިސްލާމިކް މިނިސްޓްރީ-
އިސްލާމިކް މިނިސްޓްރީ-
ފާއިތުވި ރަމަޟާން މަހު އައްޑޫ ސިޓީގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު އިމާމުވެ ކުރި އިމާމުންނަށް ދޭންޖެހޭ އެލަވަންސް ނުލިބި ތިން މަސް ދުވަހަށް ދިގުލައިގެން ދިޔުމުގެ ސަބަބުން ޝަކުވާތައް ބޮޑުވެފައިވަނިކޮށް، އެ ފައިސާ މި މަސްތެރޭގައި ޖަމާކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ސިޓީގެ ދިވެހި އަދި ބޭރުގެ އިމާމުންނަށްވެސް މިހާތަނަށް އެލަވަންސް ލިބިފައި ނުވާއިރު، މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި އިމާމަކު ބުނީ، މިދިޔަ އަހަރުތަކުގައިވެސް ފައިސާ ލިބުން ލަސްވި ނަމަވެސް މިފަހަރު ތިން މަސް ފާއިތުވެގެން ދިޔައިރުވެސް ވާނުވާ އެނގޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަށް ގުޅުމުން ފޯނު ނުނަންގަވާ ކަމުގެ ޝަކުވާވެސް އޭނާ ވަނީ ކޮށްފައެވެ.

އަޙްމަދު އަދީލް ވިދާޅުވީ، އެލަވަންސް ޖަމާކުރުން ލަސްވެފައިވަނީ ރަށްތަކުން ތަރާވީސް ނަމާދުގެ ހާޒިރީ ޝީޓުތައް ފޮނުވުން ލަސްވުމުގެ ސަބަބުން ހުރިހާ ރަށެއްގެ މައުލޫމާތު އެއްކޮށް ނިންމާލެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ރަށެއްގެ ހާޒިރީ ކޮމްޕައިލްކޮށް ނިމިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސް އަށް ގުޅުމުން ފޯނު ނުނަންގަވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ، އެފަދަ ކަމެއް އެނގިފައި ނުވާ ކަމަށާއި، އަންނަ ހުރިހާ ކޯލްތަކަކަށް ޖަވާބު ނުދެވި ހުރެދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުންވެސް މިކަމާ ގުޅިގެން ގުޅާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން އައްޑޫ ސިޓީގެ އިމާމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، މިނިސްޓްރީން މިހާރު ވަނީ މި މަސް ނިމުމުގެ ކުރިން ހުރިހާ ފަރާތްތަކަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު