ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ޕީއެންސީން މަސައްކަތް ކުރަނީ ލޮލަށް ފެންނަން އޮތް ނަތީޖާވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ މީގެ ކުރިން ޕީއެންސީން ފުރަމުންދިޔަ އައްޑޫސިޓީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން 7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީން ކާމިޔާބު ކުރި ކަމަށާއި، 2024 ގެ އިންތިޚާބަށްވުރެ ގިނައިން ޕީއެންސީން މި އިންތިޚާބުގައި ވޯޓު ކާމިޔާބުކުރި ކަމަށް ޕީއެންސީގެ ބައެއް ލީޑަރުން ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އައްބާސް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގެ ނަތީޖާއިން ސަރުކާރު ހިންގާ ޕީއެންސީއަށް އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް އެ ދާއިރާއިން 1385 ވޯޓު ލިބުނު ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް ލިބިފައިވަނީ 1313 ވޯޓުކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އައްބާސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ޕީއެންސީގެ ތާއީދު ދަށްވެފައިވާކަން ސާފުކޮށް ފެންނަން އޮތް ނަމަވެސް، އެ ޕާޓީން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

"އައްޑޫ ރައްޔިތުންގެ ތާޢީދު ދިޔައީ ދަށަށް.. އަދިވެސް ތިޔަ އުޅެނީ ރައްޔިތުންނަށް އޮޅުވާލަން." އައްބާސް ވިދާޅުވިއެވެ.



އައްބާސް މިހެން ވިދާޅުވެފައިވާއިރު، 2024 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް 838 ވޯޓު ލިބިފައިވާއިރު، މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 1375 ވޯޓު ހޯދާފަ އެވެ. މިއީ 537 ވޯޓުގެ ކުރިއެރުމެކެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) އެވެ.



ކިޔުންތެރިންގެ ހިޔާލު