ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ ޕީއެންސީ ބަލިވުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނިމިގެންދާނެ ގޮތުގެ "ދެލިކޮޕީ" ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) މި ގޮނޑި ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަދާލަތު ޕާޓީގެ ކުރީގެ ރައީސް، ޝައިޚް އިމްރާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހިތަދޫ އުތުރުގެ ނަތީޖާއަކީ ޤާނޫނުން ކަސްތޮޅުއަޅުވައިގެން ރައީސް މުޢިއްޒު ގެންގުޅުއްވާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ތެރެއިން ގެއްލުވާލާ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތް ކަމަށެވެ. އަދި މި ނަތީޖާއާއެކު ސަރުކާރުގެ ވެރިންނަށް ކަންކަން މިހާރު މޭރުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް ކާމިޔާބު ކުރެއްވީ 1,375 ވޯޓާއެކުގައެވެ. އެއީ ވޯޓުލީ މީހުންގެ 51 އިންސައްތައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. އެއީ 48 އިންސައްތަ ވޯޓެވެ.

މުޅި އިންތިޚާބުގެ ނަތީޖާއިން ސޯބެ 62 ވޯޓުގެ ތަފާތުން ކުރި ހޯއްދެވި ނަމަވެސް، އައްޑޫ ސިޓީގައި ބެހެއްޓި ބައެއް ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދަވާފައިވެއެވެ. މިއީ މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއަކުން ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީގެ އިސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު