ފޯރިގަދަ އަދި އެހާމެ ވާދަވެރި ކެމްޕޭނަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) މިވަނީ ކާމިޔާބު ކުރައްވާފައެވެ. މި އިންތިޚާބަކީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށާއި އިދިކޮޅު އެމްޑީޕީއަށް ވެސް ސިޔާސީ ގޮތުން ނުހަނު ބަރުދަން ބޮޑު، މުހިންމު ގޮނޑިއެކެވެ.ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފާހަގަކުރެއްވި ފަދައިން، ސޯބެ ހޯއްދެވި މި ކާމިޔާބީއަކީ މިވަގުތު އެމް.ޑީ.ޕީ އިތުރަށް ކުރިއަށްދިއުމަށް ނުހަނު ބޭނުންތެރި، މުހިންމު ކާމިޔާބީއެކެވެ. ސޯބެ ރައްޔިތުންގެ މަޖިލީހާ ގުޅިވަޑައިގަތުމަކީ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕަށް ލިބިގެންދިޔަ ވަރަށް ބޮޑު ވަރުގަދަކަމެއްގެ ގޮތުގައި ރައީސް ޞާލިޙު ސިފަކުރެއްވިއެވެ. ހަމައެއާއެކު، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއީ މުޅި ރާއްޖެއަށާއި އައްޑޫ ސިޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް، ސިޔާސީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކާއި، އާންމު ރައްޔިތުންގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް މިހާރު އުފައްދާ ބޮޑު ސުވާލަކީ މިއީއެވެ؛ ތިން ރައީސުންނާއި މުޅި އިދިކޮޅު އިއްތިހާދު އެކުވެގެން ނުކުމެ، އެމްޑީޕީގެ "ބޮޑު ކިއްލާ" އިން ހަނި ގޮތަކަށް ހޯދުނު މި މޮޅަކީ ހަގީގަތުގައި އެމްޑީޕީއަށް ލިބުނު ހަގީގީ ކާމިޔާބީއެއް ބާވައެވެ؟ ނުވަތަ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ސިޔާސީ ބޮޑު ކުރިއެރުމެއް ބާވައެވެ؟

ހިތަދޫގެ ފަސް ފޮށިން ޕީއެންސީ ކުރީގައި

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީގެ ކެންޑިޑޭޓު ސޯބެއަށް ލިބިވަޑައިގަތީ 1،375 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މުޅި އިންތިޚާބުގެ މިސްރާބު އެމްޑީޕީ ކޮޅަށް އެނބުރިގެންދިޔައީ މާލޭގައި ބެހެއްޓި ވޯޓު ފޮށިތަކުންނެވެ.



ނަމަވެސް، ރަށު ތެރޭގެ ހަގީގީ ވިންދު ހުރިގޮތް ބަލައިލުމަށް އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ކުރިހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއެވެ. ހިތަދޫން ސޮޑާއަށް 958 ވޯޓު ލިބިވަޑައިގަތްއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓެވެ. އެއީ 34 ވޯޓުގެ ތަފާތުން ސަރުކާރު ކެންޑިޑޭޓް ހިތަދޫން ހޯއްދެވި ބޮޑު ކުރިއެރުމެކެވެ.

އިއްޔެގެ އިންތިޚާބުން ނާކާމިޔާބުވިޔަސް، ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ ކާމިޔާބީއެއްގެ ގޮތުގައި އެޕާޓީގެ ލީޑަރޝިޕުން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، އައްޑޫގައި ބެހެއްޓި ފޮށިތަކުން ޕީއެންސީ ކުރި ހޯދުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ހިތްވަރާއި ފޯރީގައި 2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ވެސް ވިދާޅުވީ، މި ނަތީޖާއިން ދައްކައިދެނީ ބިންގާ އެޅި، ވަރަށް މުހިންމު މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރެވުނުކަން ކަމަށެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ޞާލިޙް އެކުވެގެން ނުކުމެ ހޯދި ނަތީޖާއާއި ރައީސް މުއިއްޒު އެކަނި ހޯއްދެވި ނަތީޖާގެ ދެމެދުގައި ހުރީ އެންމެ 62 ވޯޓުގެ ތަފާތެއް ކަމަށެވެ.



ނުފޫޒާއި ދައުލަތުގެ ވަސީލަތްތަކާ ނުލައި ހޯދި ނަތީޖާއެއް

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު މި ނަތީޖާ ހޯއްދެވީ ކުރީގެ ސަރުކާރުތަކުން ބައި-އިލެކްޝަންތަކުގައި ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރި ގޮތަކަށް ނޫނެވެ. އާސަންދަ އާއި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ރަށަށް އަރުވައިގެން ނުވަތަ ކުއްލި ވަޒީފާތަކާއި ޕްރޮމޯޝަންތައް ބަހައިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ތިން ރައީސުން ކެމްޕޭނުގައި ދޮރުން ދޮރަށް ހިނގިއިރު، ރައީސް މުއިއްޒު ހުންނެވީ ގައުމީ ބޮޑު މަސައްކަތުގައި ކަމަށެވެ. އެ ތިން ރައީސުންގެ ދައުރުގައި ނެންގެވި ބޮޑު ލޯނުތައް ދެއްކުމަށާއި، ގައުމުގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށް ރައީސް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ރައްޔިތުން އިތުބާރުކުރާކަން މި ނަތީޖާއިން ސާފުކޮށް ހާމަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ "މައި ކިއްލާ" ގެ ބާރު ކެނޑުން

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ގަބޫލުކުރައްވާ ގޮތުގައި "އެމްޑީޕީގެ މައި ކިއްލާ" ގެ ގޮތުގައި މާޒީގައި އޮތް އައްޑޫގެ ސިޔާސީ މިސްރާބު މިވަނީ މުޅިން ބަދަލުވެފައެވެ. ރައީސް ޞާލިޙާއި، ރައީސް ނަޝީދުގެ އިތުރުން މުޅި އެމްޑީޕީގެ ލީޑަރޝިޕް ހިތަދޫގައި ކެމްޕޭން ކުރި ނަމަވެސް، ލިބުނު ނަތީޖާއަކީ އެމްޑީޕީއަށް ލަދުވެތި ނަތީޖާއެކެވެ.



ފަލާހް ވިދާޅުވިގޮތުގައި މި އިންތިޚާބުގައި ބެހެއްޓި 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީން ކާމިޔާބު ކުރުމަކީ އައްޑޫގައި ސަރުކާރުގެ މަގުބޫލުކަން އުފުލިފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ. މިއީ 2028 ވަނަ އަހަރު މުޅި އައްޑޫ ސިޓީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ބަދަލުވާނެ ކަމުގެ އުއްމީދީ ނިޝާނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަދުވެތި ނަތީޖާއަކާއި ޕާޓީގެ އެތެރޭގެ ކޯޅުން

އައްޑޫއަކީ އެމްޑީޕީގެ "ހިތް" ކަމަށް ބުނެ، މުޅި ލީޑަރޝިޕް އެކުވެގެން ކުރި ބުރަ މަސައްކަތުން އެންމެ 62 ވޯޓުގެ ހަނި ތަފާތަކުން ގޮނޑި ސަލާމަތްވުމަކީ އެ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު މާޔޫސްކަމެއް އުފެދުނު ކަމެކެވެ. ކުރީގެ ރައީސް ޔާމީން ވެސް ސަރުކާރު ބަލިކުރުމަށް އެމްޑީޕީއަށް ވޯޓު ދޭން ގޮވާލެއްވުމުން ވެސް، މިފަދަ ހަނި ނަތީޖާއެއް ލިބުމަކީ ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ސިޔާސީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އައްޑޫގެ ފޮށިތަކުން އެމްޑީޕީ ބަލިވީ ޕާޓީގެ އެތެރޭގައި އޮތް ވެރިކަމުގެ ކޯޅުމާއި އާއިލީ ނުފޫޒުގެ ސަބަބުންނެވެ. ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ވާދަވެރިކަމުގެ ހިޔަނި ވޯޓުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ.

"ގޮނޑި ލިބުނަސް މިއީ ލަދުވެތި ނަތީޖާއެއް، އެމްޑީޕީ އިސްލާހުވާންޖެހޭ" އާންމު މެންބަރެއްގެ ކަންބޮޑުވުން

އައްޑޫއަށް ނިސްބަތްވާ، އެމްޑީޕީގެ ވަފާތެރި ސަޕޯޓަރަކު އޭނާގެ ޝުޢޫރުތައް ހިއްސާކުރަމުން ބުނީ، މިހާރުގެ ސަރުކާރަށް އިދިކޮޅުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އަދި ސަރުކާރުން އައްޑޫއަށް ކަންކަން ނުކޮށްދޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ވަގުތެއްގައި، މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށް އުންމީދު ކުރި ކަމަށެވެ. ނަމަވެސް، ވޯޓުގެ ފަރަގު މިހާ ކުޑަވުމުން މިއީ "ލަދުވެތި ނަތީޖާއެއް" ގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"ޕާޓީއަށް ގޮނޑި ލިބުމުން އުފާވި ނަމަވެސް، މިއީ ހަވާ އަރުވައި އުފާފާޅުކުރަން ބޭނުންކުރަންވީ ނަތީޖާއެއް ނޫން. ކުރި މަސައްކަތާ ބަލާއިރު ބޭނުންވި ވަރާ ގާތަށްވެސް ވޯޓެއް ނުލިބުނު. އަސްލު ހަގީގަތުގައި މި ނަތީޖާއާ މެދު އަހަރެން ލަދުގަނެ ދެރަވޭ،" އެމްޑީޕީގެ އާންމު މެންބަރު ބުންޏެވެ.

އާއިލީ ނުފޫޒާއި ލީޑަރޝިޕްގެ ކޯޅުން

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، އެމްޑީޕީގެ ތެރޭގައި އޮތް އާއިލީ އަރާރުންތަކާއި، "ސިއްކަ އާއިލާ" އާއި "ކެރަފާ އާއިލާ" ގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ޕާޓީގެ އަސާސްތައް ދަނީ ފުނޑުފުނޑުވަމުންނެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހީވަނީ އެމްޑީޕީއަކީ އެ ބޭފުޅުންގެ "ތަރިކަ މުދަލެއް" ހެން ކަމަށާއި، ވެރިކަމުގެ ދަހިވެތިކަމުގައި އެހެން ބަޔަކަށް ޕާޓީގެ ތެރެއިން ކުރިއަށްދާނެ ފުރުސަތެއް އެ ބޭފުޅުން ނުދެއްވާ ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

"ދެ ރައީސުންވެސް ޕާޓީން ދުރަށް ޖެހިވަޑައިގަންނަވަންވީ"

ޕާޓީގެ މުސްތަގުބަލާ މެދު ވާހަކަދައްކަމުން އޭނާ ބުނީ، ރައީސް ނަޝީދު އަލުން ޗެއާޕާސަން ކަމަށް ގެންނަން މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށާއި، ރައީސް ޞާލިޙް ވެސް ހިމެނޭހެން ދެ ބޭފުޅުންވެސް މިހާރު ޕާޓީގެ ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަންނަވަން ވެއްޖެ ކަމަށެވެ.

"ދެ ބޭފުޅުންގެ ސިޔާސީ އުމުރު (އެކްސްޕަޔަރ) ވެއްޖެ. މިހާރު ބޭނުންވަނީ ޕާޓީ އެކަތިގަނޑަކަށް ހަދައި، އާ ލީޑަރުންނަށް ފުރުސަތުދީގެން ކުރިއަށްދާން،" އެމްޑީޕީގެ އިސްލާހަށް ވަކާލާތު ކުރަމުން އޭނާ ބުންޏެވެ.

ގޮނޑި އެމްޑީޕީއަށް، ސިޔާސީ މޮޅު ޕީއެންސީއަށް

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރި ނަމަވެސް، ވޯޓުގެ ނަތީޖާ ނިކުތް ގޮތުން ޕާޓީގެ އާންމު ބައެއް މެންބަރުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތަކެއް ހުރިކަން އެމްޑީޕީގެ ސަޕޯޓަރުގެ ވާހަކައިން އެކަނި ވެސް މިވަނީ ހާމަވެގެން ގޮސްފައެވެ.



ކޮންމެއަކަސް އިއްޔެގެ އިންތިޚާބުގެ މި ނަތީޖާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ލިބުނު ސިޔާސީ ބޮޑު މޮޅެކެވެ. އިދިކޮޅު ހުރިހާ ބާރެއް އެކުވެގެން ކުރި މަސައްކަތުން ވެސް، ހިތަދޫގެ ފޮށިތަކުން ސަރުކާރު ކެންޑިޑޭޓް އަޣުލަބިއްޔަތު ހޯއްދެވުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ސާފު ހެއްކެކެވެ. ރަސްމީކޮށް މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ލިބުނަސް، ސިޔާސީ ތިލަފަތުން ބަލާއިރު މި އިންތިޚާބު ހަގީގަތުގައި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީ އާއި ރައީސް މުޢިއްޒު ކަމަށް ބުނުމުގެ ޖާގަ ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު