ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ
ބެލްޖިއަމް މިވަނީ އެގައުމުގެ 15 ވަނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވެފައެވެ. މިއީ ޖެހިޖެހިގެން އެގައުމު މި މުބާރާތުގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. 48 ޓީމު ވާދަކުރާ ގޮތަށް އަލަށް ބަދަލުކުރެވުނު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކުރުމަށްފަހު، "ރެޑް ޑެވިލްސް" ގެ އަމާޒަކީ 2018 ވަނަ އަހަރު ރަޝިޔާގައި އެގައުމުން ހޯދި ތިންވަނަ މަގާމަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. މިފަދަ ކާމިޔާބީއެއް ތަކުރާރު ކުރެވިއްޖެނަމަ، 2022 ވަނަ އަހަރު ގަތަރުގައި ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔުމުގެ ހިތްދަތި ހަނދާންތައް ފުހެވިގެންދާނެއެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑޮމެނިކޯ ޓެޑެސްކޯ ވަކިކުރުމާ ގުޅިގެން ޓީމާ ހަވާލުވި ފްރާންސްގެ ތަޖުރިބާކާރު ކޯޗު ރޫޑީ ގާސިއާގެ މައިގަނޑު މަސްއޫލިއްޔަތަކީ ޓީމުގެ ކުޅުން ރަނގަޅުކޮށް ކާމިޔާބީގެ މަގަށް ގެންގޮސްދިނުމެވެ. އޭނާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ކުޅުނު ފުރަތަމަ މުހިންމު މެޗަކީ ޔޫއެފާ ނޭޝަންސް ލީގުގެ ޕްލޭއޮފްގައި ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ ލެގުން 3-1 އިން ބަލިވި ނަމަވެސް، ދެވަނަ ލެގުގައި ރޮމެލޫ ލުކާކޫގެ ދެ ލަނޑާއެކު 3-0 އިން މޮޅުވެ، ލީގު 'އޭ' ގައި ދެމިއޮތުމުގެ ފުރުސަތު ބެލްޖިއަމް ހޯދިއެވެ.

މި ކާމިޔާބީއާއެކު ޓީމުގެ ރޫހު ވަރުގަދަވެ، ގާސިއާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ބެލްޖިއަމަށް ޖާގަ ކަށަވަރުކޮށްދީފައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާއަކީ އާ ކޯޗަކަށް ވީނަމަވެސް، ކްލަބް ފުޓްބޯޅައިގައި އޭނާއަކީ ކާމިޔާބު ކޯޗެކެވެ. އެގޮތުން ލިލް އާއެކު ފްރެންޗް ލީގާއި ކަޕް ކާމިޔާބުކުރުމުގެ އިތުރުން ރޯމާ، މާސޭ އަދި ލިޔޯން ފަދަ ބޮޑެތި ކްލަބްތަކަށް އޭނާ ވަނީ އިރުޝާދުދީފައެވެ.

ބެލްޖިއަމްގެ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ތާވަލު:

15 ޖޫން: ބެލްޖިއަމް - މިސްރު (ސިއެޓްލް ސްޓޭޑިއަމް)

21 ޖޫން: ބެލްޖިއަމް - އީރާން (ލޮސް އެންޖެލިސް ސްޓޭޑިއަމް)

26 ޖޫން: ނިއުޒީލޭންޑް - ބެލްޖިއަމް (ބީސީ ޕްލޭސް ވެންކޫވަރު)

މިފަހަރުގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ކެވިން ޑި ބްރުއިނާ، ތީބޯ ކޯޓުއާ، ތޯމަސް މިއުނިއާ، އެކްސެލް ވިޓްސެލް އަދި ރޮމެލޫ ލުކާކޫ ހިމެނެއެވެ. މީގެ އިތުރުން އަލަށް ޓީމުން ޖާގަ ހޯދި މަޓިއަސް ފެނާންޑޭޒް-ޕާޑޯ ވެސް ސްކޮޑުގައި ހިމެނެއެވެ. ބެލްޖިއަމް މުބާރާތަށް ކޮލިފައިވީ ގްރޫޕް ޖޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ބެލްޖިއަމްގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، އެގައުމުން އެންމެ ފުރަތަމަ ވާދަކުރީ 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައެވެ. ވޯލްޑް ކަޕްގައި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ މާކް ވިލްމޮޓްސް އަދި ރޮމެލޫ ލުކާކޫއެވެ. މީގެން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ޖަހާފައިވެއެވެ.

އެގައުމުގެ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއަކީ އެންޒޯ ޝިފޯއެވެ. އޭނާ ވަނީ 1986 އިން 1998 އަށް ބޭއްވި ހަތަރު ވޯލްޑް ކަޕެއްގައި ޖުމްލަ 17 މެޗު ކުޅެފައެވެ. 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމުން ހަތަރުވަނަ ހޯދިއިރު، އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ބެލްޖިއަމްގެ އެންމެ ކާމިޔާބު ވޯލްޑް ކަޕަކީ 2018 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކުރުމަށްފަހު، ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، ތިންވަނަ ހޮވި މެޗުގައި އިންގްލެންޑް ބަލިކޮށް އެގައުމުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު